ސަރުކާރުގެ އެހީގެ ދަށުން ސިއްހީ އެހީ ހޯދާއިރު ރައްޔިތުންގެ އައިޑީ ކާޑު މުއްދަތު ހަމަނުވާ އެއްޗަކަށް ހެދުމަށް ނިންމައިފި އެވެ.
ސިއްހީ ހާލަތްތަކާ ގުޅިގެން އައިޑީކާޑުގެ މުއްދަތު ހަމަ ނުވާގޮތަށް ހެދުމަށް މަސައްކަތް ކުރުމަކީ އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގައި ކުރެއްވުމަށް ކަނޑައަޅާފައިވާ މަސައްކަތްތަކުގެ ތެރެއިން މަސައްކަތެކެވެ.
ރައީސް ސޯލިހްގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހު ސިއްހީ ދާއިރާއިން ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ނިންމާފައެވެ.
އޭގެތެރެއިން ސިއްހީ ޚިދުމަތް ދޭ ސަރުކާރުގެ ހުރިހާ ތަނެއް އެއް ވިޔުގައަކުން ގުޅާލުމުގެ މަސައްކަތް ކުރުމާއި ނަފްސާނީ ދުޅަހެޔޮކަމުގެ ޤައުމީ ސިޔާސަތާއި ސްޓްރެޓީޖިކް ޕްލޭން ތަންފީޒުކުރުމަކީ ފާހަގަކޮށްލެވޭނެ ކަންތައްތަކެވެ.
ނެޝަނަލް މެންޓަލް ހެލުތު އިންސިޓިޓިއުޓް އުފައްދާ، ނަފްސާނީ ބަލިތަކަށްދެވޭ ފަރުވާ އާސަންދައިގެ ދަށުން ކަވަރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމާއި، ރާއްޖޭގައި ލިބެން ހުންނަ ބޭހަކީ ފެންވަރު ރަނގަޅު ދުނިޔޭގެ ފެންވަރުގެ އިތުބާރު ލިބިފައިވާ ބޭސް ކަމުގައި ހެދުމަށް މަސައްކަތް ކުރުމަކީވެސް ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކެވެ.
ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފައިވާ އިތުރު ކަންތައްތަކުގެ ތެރޭގައި އައިޖީއެމްއެޗުގައި ޚިދުމަތުގެ ކިޔޫއަށް ލުޔެއް ލިބިގެންދާނެ ގޮތަކަށް ނިޒާމަށް ބަދަލުތަކެއް ގެނައުން ހިމެނެއެވެ.