ހަރުކަށި ފިކުރު

ހަރުކަށި ވިސްނުމުގެ މީހުންނަށް ސަލާމަތީ ހިދުމަތުގެ ތެރެއިން އެއްވެސް ފުރުސަތެއް ނުދޭނަން: ޗީފް އޮފް ޑިފެންސް ފޯސް

އިބްރާހިމް ޒަކީ

ސަލާމަަތީ ހިދުމަތްތަކުގެ ތެރެއިން އެއްވެސް ސަލާމަތީ ހިދުމަތަކުން، ހަރުކަށި ފިކުރުގެ މީހުންނަށް އެއްވެސް ފުރުސަތެއް ނުދެއްވާނެ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.

ޝަމާލް މިހެން ވިދާޅުވީ، ރައީސުލް ޖުމްހޫރިއްޔާގެ ދައުވަތަކަށް 200 އަށް ވުރެ ގިނަ ކައުންސެލަރުންނާ އެކު، ކްރޮސްރޯޑްސްގައި ކުރިއަށް ގެންދިޔަ "ވިޔަވަތި ރާއްޖެ" މަހާސިންތާގައި ރާއްޖޭގެ ޓެރަރިޒަމްގެ ހާލަތާބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ޝަމާލްގެ އިތުރުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ އާއި އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު އާއި ޕޮލިސް ކޮމިޝަނަރު އިބްރާހިިމް ހަމީދު ވެސް ތިއްބެވި އެ ޕެނަލަށް، ހަރުކަށި ފިކުރުގެ މީހުން ސާލަމަތީ ހިދުމަތްތަކުގެ ތެރޭގައި އުޅޭފަދަ ގޮތަކަށް އިޝާރާތް ކުރައްވައި ރައީސް ނަޝީދު ސުވާލު ކުރެއްވީ، ފުލުހުންނާއި ސިފައިގެން ތެރޭގައި ހަރުކަށި ފިކުރަށް ތާއީދުކުރާ މީހުން ތިބިތޯ ދެނެގަތުމަށް ކުރާ ކަންތައްތަކާ ބެހޭ ގޮތުންނެވެ. އަދި ސަލާމަތީ ހިދުމަތްތަކުގެ ތެރޭގައި ހިމެނޭ ބައެއް މީހުންގެ ސޯޝަލް މީޑީއާ ވަސީލަތްތަކުގައި ހަރުކަށި ފިކުރަށް ތާއީދުކުރާ މީހުން ގެންގުޅޭ ދިދަ ފަދަ ތަކެތީގެ ނިޝާން ހުންނަ ކަންވެސް ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ.

ރައީސް ނަޝީދު ސުވާލު ކުރެއްވީ އެފަދަ މީހުންނަކީ ހަރުކަށި ފިކުރުގެ މީހުން ކަމަށް ފުލުހުން ގަބޫލު ނުކުރައްވަނީތޯ އެވެ.

މި ސުވާލަށް ޖަވާބު ދެއްވަމުން ޝަމާލް ވިދާޅުވީ، އެއްވެސް ސަލާމަތީ ހިދުމަތެއްގައި ހަރުކަށި ފިކުރުގެ މީހަކު މަސައްކަތް ކުރުމުގެ ފުރުސަތެއް ނުދެއްވާނެ ކަމަށާއި، ކަމާގުޅޭ ހިސާބުން މިހާރު ބޯޑަރު ދަމާލެވިފައިވާ ކަމަށެވެ. އަދި ދިފާއީ ބާރުން އަޅުމުން އަންނަ، ވަރުގަދަ ފިޔަވަޅުތަކުގެ ސަބަބުން ނެޝަނަލަ ސެކިއުރިޓީއަށް ވަރަށް ބޮޑު ކުރިއެރުމެއްލިބި ގައުމުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ވަރުގަދަވެގެން ދާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި ހަރުކަށި ފިކުރުގެ މާނަ ވަރަށް ރަނގަޅަށް އެނގެން އެބައޮތް ކަމަށާއި ސަރުކާރުގެ ސިޔާސަތުވެސް އެކަމުގައި ވަރަށް ސާފު ކަމަށް ޝަމާލް ވިދާޅުވިއެވެ.