ޗައިނާއިން ރާއްޖޭގެ ބިން ފޭރިފައިވާ ކަމަށް ބުނެ ދައްކާ ވާހަކަ ނަންގަވަނީ ސީރިއަސްކޮށް ކަމަށާއި އެއީ ބޮލަށް އުނދަގޫވާ މައްސަލައެއް ކަމަށް ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޒޭންގް ލިޒްހޮންގް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ މީގެ އިރުކޮޅެއް ކުރީން ކުރެއްވި ޓުވީޓެއްގަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދާދި ފަހުން އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި، އެ ގައުމުގެ މީޑިއާތަކަށް ދެއްވި އިންޓަވިއުތަކުގައި ވަނީ ޗައިނާގެ ދަރަންޏާ ގުޅޭ ގޮތުން ވަރަށް ގިނައިން ވާހަކަފުޅުދައްކަވާފަ އެވެ. އެ ގޮތުން ރާއްޖެ އޮތީ ޗައިނާގެ ދަންތުރައިގައި ޖެހިފައި ކަމަށާއި ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން، ޗައިނާއިން ނަގާފައިވާ ބޮޑެތި ލޯނު ތަކަކީ ދަރަނީގެ ދަންތުރަތަކެއް ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. އަދި ޗައިނާގެ މަސައްކަތްތަކަކީ ކޮންކްރީޓް ތަކަކުން ރާއްޖެއަށް ގެނައި ތަރައްގީ ކަމަށާއި އެއީ ތަރައްގީ ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށާއި އެއީ ދިވެހިން ދައްކަންޖެހޭ ބޮޑެތި ލޯނުތަކެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ޗައިނާ ސަފީރު ވިދާޅުވީ، ޗައިނާއާމެދު މީހުން ހިތްހަމަނުޖެހޭނެ ގޮތް ވާން ބޭނުންވެވަޑައި ނުގަންނަވާ ކަމަށެވެ. އަދި އެވިދާޅުވާ ގޮތަށް ޗައިނާއިން ރާއްޖޭގެ ބިން ފޭރިގެންފައިވާ ކަމަށް ބުނެ ދައްކާ ވާހަކައިގެ އެއްވެސް ހަގީގަތެއް އޮތްތޯ ބެއްލެވުމަށް ވަރަށް ގިނަ މަސައްކަތް ކުރައްވައިފި ކަމަށާއި އެކަމުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ. އެފަދަ ހެއްކެއް އޮތް ބޭފުޅަކު އެކަން ހިއްސާކޮށްދެއްވުމަށް ވެސް ސަފީރު ވަނީ އެދިވަޑައިގެންފަ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، 2017 ވަނަ އަހަރު ޗައިނާއާ އެކު ސޮއިކުރި، ފްރީ ޓްރޭޑް އެއްބަސްވުން ވެސް ރާއްޖޭން ދެން ކުރިޔަށް ނުގެންދާނެ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. އެކަން ކުރާން ޖެހެނީ ރައްޔިތުންގެ މަޖިލީހުން ކަމަށާއި އެހެން ނަމަވެސް މިހާރު އޮތް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އެފަދަ ވިސްނުމެއް ހުރިތަން ފެނިވަޑައި ނުގަންނަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައި އެވެ.
ރައީސް ނަޝީދު ޗައިނާއާ ގުޅޭ ގޮތުން ދައްކަވަމުން ގެންދަވާ ވާހަކަފުޅު ތަކާ ގުޅިގެން ޗައިނާގެ ސަފީރު ގެންދަވަނީ ތަކުރާރުކޮށް އެ ވާހަކަފުޅުތަކަށް ރައްދު ދެއްވަމުންނެވެ. ރައީސް ނަޝީދުގެ އެ ވާހަކަފުޅުތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ޗައިނާގެ ސަފީރު ގެންދަވަނީ ވިދާޅުވަމުންނެވެ.
އެ ގޮތުން ޗައިނާއަކީ ދަރަނީގެ ދަންތުރައިގައި ޖައްސާ ގައުމެއް ނޫން ކަމަށާއި ރާއްޖެ އާއި ޗައިނާއާ ދެމެދު ހަދާފައިވާ އެއްބަސްވުންތަކަށް އިހުތިރާމުކުރަން ޖެހޭ ކަމަށް ވެސް ސަފީރު ދާދި ފަހުން ވަނީ ވިދާޅުވެފަ އެވެ. ޗައިނާއާ ގުޅޭގޮތުން ދައްކަނީ ރަނގަޅު ވާހަކަތަކެއް ނޫން ކަމަށާއި ޗައިނާއިން ރާއްޖެއަށް ކުރާ އިންވެސްޓްމަންޓާއި އެހެން ގައުމުތަކަށް ކުރާ އިންވެސްޓްމަންޓާ ވަކި ތަފާތެއް ނޯންނާނެ ކަމަށް ވެސް ސަފީރު ވަނީ ވިދާޅުވެފަ އެވެ.
ޗައިނާ އާއި ރާއްޖެއާ ދެމެދު ހަދާފައިވާ އެއްބަސްވުންތަކަށް އިހުތިރާމުކުރަން ޖެހޭ ކަމަށާއި ފާއިތުވެދިޔަ ދެ ސަރުކާރުން ސޮއިކޮށްފައިވާ އެއްބަސްވުންތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވެސް ރަނގަޅު ނިންމުމެއް ނިންމާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ސަފީރު ވިދާޅުވެފައިވެ އެވެ. ޗައިނާއަކީ ރާއްޖޭގެ ތަރައްގީގެ ޕާޓްނަރެއް ކަމަށާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އެންމެ ބޮޑު ފައިދާއެއް ވަނީ ވެސް ޗައިނާ އިން ކަން ފާހަގަކުރައްވައި ދެ ގައުމުގެ ގުޅުމަށް ބުރޫއަރާ ފަދަ ވާހަކަ ނުދެއްކެވުމަށް ވެސް ޗައިނާގެ ސަފީރު ވަނީ އިލްތިމާސްކުރައްވާފަ އެވެ.