މާލޭ ސިޓީގެ ރައްޔިތުން ހަފުތާ ބަންދުގައި އާއިލާއާ އެކު ދަތުރުދިއުމަށް މާލެއާ ގާތުން ރަށެއް ޚާއްސަ ކުރައްވަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމަނުއްވައިފި އެވެ.
މާލޭ ސިޓީ ރައްޔިތުންނަށް އެފަދަ ރަށެއް ހަމަޖައްސަވަން ނިންމެވި އިރު، ޕިކުނިކު ދާނެ ސަރަހައްދެއް ނެތް އެހެން ރަށްރަށުގައި ރައްޔިތުން ޕިކުނިކު ދާނެ ސަރަހައްދެއް ނުވަތަ ރަށެއް ކަނޑައަޅުއްވަން ވެސް ރައީސް ސޯލިހުގެ ފުރަތަމަ 100 ދުވަހުގެ ވައުދުގެ ތެރޭގައި ވަނީ ހިމަނުއްވައިފަ އެވެ.
ރައީސުލްޖުމުހޫރިއްޔާ ކަމުގެ ހުވާކުރެއްވުމަށް ފަހު ރައީސް ސޯލިހު ވަނީ އެމަނިކުފާނުގެ ސަރުކާރުން ފުރަތަމަ 100 ދުވަހު ކުރައްވާނެ ކަންތައްތަކެއްގެ ލިސްޓެއް އިއުލާނުކުރައްވައިފަ އެވެ. އެ 100 ވައުދުގެ ތެރޭގައި ރައްޔިތުންނާ ގުޅުން ހުރި އެކި ދާއިރާތަކުން ގިން ކަންތައްތަކެއް ވަނީ ހިމަނުއްވައިފަ އެވެ.
އެ ގޮތުން ރައްޔިތުންނަށް އާއިލާއާ އެކު ޗުއްޓީ ހޭދަކުރުމަށް ރަށެއް ނުވަތަ ސަރަހައްދެއް ހަމަޖެއްސެވުމަށް ހިމަނުއްވާފައި ވަނީ އިޖުތިމާއީ ރައްކާތެރިކަމުގެ ބައިގަ އެވެ.
ރާއްޖޭގެ ބައެއް ރަށްރަށުގައި ބިން ފުރުމުގެ ސަބަބުން ރައްޔިތުންނަށް ދަތުރުގޮސް މޫދަށް އެރިލައި އުޅެވޭނެ އެއްވެސް ގޮތެއް ނޯވެ އެވެ. ސިނާއީ ބޭނުން ތަކަށާއި ޓޫރިޒަމްގެ ބޭނުމަަށް ރަށްތައް ނަގާފައި ހުރުމުގެ ސަބަބުން ބައެއް ރަށްރަށުގެ ކައިރީގައި ވެސް ރައްޔިތުންނަށް ދަތުރު ދެވޭނެ އެހެން ރަށެއް ނޯވެ އެވެ.