ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16ގައި އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ސިޓީއާ ދެކޮޅަށް ސްޕެއިންގެ ރެއާލް މެޑްރިޑް ނުކުންނަން ޖެހިއްޖެއެވެ.
ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ގުރުނަގާފައިވަނީ ސްވިޒަލެންޑުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. ގަދަ 16ގެ ފުރަތަމަ ލެގުގެ މެޗުތައް އަންނަ ފެބްރުއަރީ މަހު ކުޅުމަށް ހަމަޖެހިފައިވާ އިރު، ދެވަނަ ލެގުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މާޗް މަހުއެވެ.
ޗެމްޕިއަންސް ލީގުގެ 13 އަހަރުގެ ޗެމްޕިއަން ރެއާލުން ގަދަ 16ގައި ސިޓީއާ ދެކޮޅަށް ނުކުންނަން ޖެހޭ އިރު، އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ނުކުންނަން ޖެހޭނީ ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށެވެ.
ގަދަ 16ގައި ސްޕެއިންގެ ޗެމްޕިއަން ބާސެލޯނާ ނުކުންނަން ޖެހޭނީ އިޓަލީގެ ނަޕޯލީއާ ދެކޮޅަށެވެ. ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކުން އެންމެ ފަހުގެ ޔޫރޮޕާ ލީގުގެ ޗެމްޕިއަން ޗެލްސީއާ ދެކޮޅަށް ނުކުންނަން ޖެހޭ އިރު، ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ޔުވެންޓަސް ނުކުންނަން ޖެހޭނީ ފްރާންސްގެ ލިޔޯންއާ ދެކޮޅަށެވެ.
ފްރާންސްގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) ނުކުންނަން ޖެހޭނީ ޖަރުމަންގެ ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށެވެ. ކޯޗު ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން ކުޅޭ ޓޮޓެންހަމް ހޮޓްސްޕާ އިން ޖަރުމަންގެ އާރްބީ ލެއިޕްޒިގްއާ ދެކޮޅަށް ނުކުންނަން ޖެހޭ އިރު، ސްޕެއިންގެ ވެލެންސިއާ ނުކުންނަން ޖެހޭނީ އިޓަލީގެ އެޓަލާންޓާއާ ދެކޮޅަށެވެ.