ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައްޔިތުންގެ ކަންބޮޑުވުން އޮންނަ ކަންކަމުގައި މަޖިލީހުގައި ވޯޓަށް އެހޭނެ ގޮތް ހަމަޖައްސަނީ

ރައްޔިތުންގެ ކަންބޮޑުވުން ހުންނަ މައްސަލަ ތަކުގައި، ވަކި އަދަދެއްގެ ރައްޔިތުން ސޮއިކޮށް ހުށަހަޅާ ޕެޓިޝަނަކުން ރައްޔިތުންގެ މަޖިލީހުގައި އެ މައްސަލައަކާ މެދު ވޯޓަށް އެހޭނެ ފުރުސަތު ފަހިކޮށްދޭން މަސައްކަތް ކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމަނައިފި އެވެ.

ރައީސުލް ޖުމުހޫރިއްޔާ ކަމުގެ ހުވާކުރެއްވުމަށް ފަހު ރައީސް ސޯލިހު ވަނީ އެމަނިކުފާނުގެ ސަރުކާރުން ފުރަތަމަ 100 ދުވަހު ކުރައްވާނެ ކަންތައްތަކެއްގެ ލިސްޓެއް އިއުލާނުކުރައްވައިފަ އެވެ. އެ 100 ވައުދުގެ ތެރޭގައި ރައްޔިތުންނާ ގުޅުން ހުރި އެކި ދާއިރާތަކުން ގިން ކަންތައްތަކެއް ވަނީ ހިމަނުއްވައިފަ އެވެ.

އެ ގޮތުން ވަކި އަދަދެއްގެ ރައްޔިތުން ސޮއިކޮށް ހުށަހަޅާ ޕެޓިޝަނަކުން ރައްޔިތުންގެ މަޖިލީހުގައި ވޯޓަށް އެހޭނެ ފުރުސަތު ފަހިކޮށްދޭން ހިމަނުއްވާފައި ވަނީ އިޖުތިމާއީ ރައްކާތެރިކަމުގައި ބައިގަ އެވެ.

މި ބައިގައި އިތުރަށް ހިމަނުއްވާފައިވާ ކަންކަމުގެ ތެރޭގައި، ވަޒީފާ ހުރި ދާއިރާތަކުން މީހުން ބިނާކުރުމަށް ބޭނުންވާ މައުލޫމާތުތައް އެއްކޮށް، ފުރިހަމަ ޓްރެއިނިން ނީޑް އެނަލަސިސްއެއް ގައުމީ ފެންވަރުގައި ހެދުމާއި ސަރުކާރުގައި ވަޒީފާ އަދާކުރާ މަންމައަށް މުސާރައާ އެކު ހަމަސް ދުވަހުގެ މެޓާނިޓީ ލީވް ދިނުމާއި ބައްޕައަށް އެއްމަސް ދުވަހުގެ ޕެޓާނިޓީ ލީވް ދިނުމަށް ވަނީ ހިމަނައިފަ އެވެ.

މީގެ އިތުރުން އިޖުތިމާއީ ރައްކާތެރިކަމުގެ ބައިގައި ފުރަތަމަ 100 ދުވަސް ތެރޭގައި ކުރާން ނިންމާފައިވާ ކަންކަމުގެ ތެރޭގައި ހަފުތާ ނިންމުމުގެ ގޮތުން ވީކެންޑް މާކެޓާއި މުނިފޫހިފިލުވުމުގެ ޕްރޮގްރާމަތައް ފެށުމާއި ހުޅުމާލޭގައި ރޭގަނޑު މޫދަށް އެރެވޭނެ ގޮތް ހަމަޖެއްސުމާއި އެ ސަރަހައްދުން ސާފު ފެން ލިބޭނެ ގޮތް ހަމަޖެއްސުން ހިމަނާފައިވެ އެވެ.

ފުވައްމުލަކު ސިޓީގެ މަގުތައް ފުޅާކުރުމާއި އެ ސިޓީގެ މަގުތައް ރަނގަޅު ފެންވަރަކަށް ހަދަން ފެށުން ވެސް އިޖުތިމާއީ ރައްކާތެރިކަމުގެ ބައިގެ ދަށުން ފުރަތަމަ 100 ދުވަސް ތެރޭ ކުރާން ނިންމާފައިވާ ކަންކަމުގެ ތެރޭގައި ހިމެނެ އެވެ.