ޚަބަރު

މިނިމަމް ވޭޖްއާ ގުޅޭ ދެ ދިރާސާއެއް ލިބިއްޖެ، މަޖިލީހުގެ އާ ދައުރަށް ހުށަހަޅާނަން: ފައްޔާޒު

އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާއި ގުޅޭ ދެ ދިރާސާއެއް ލިބިފައިވާ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ އަންނަ އަހަރު ފުރަތަމަ ދައުރަށް އެ ދެ ރިޕޯޓު ހުށަހަޅުއްވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލު ވިދާޅުވެއްޖެއެވެ.

މިނިމަމް ވޭޖު ކަނޑައެޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެކެވެ. އެގޮތުން އެކަމަށް ބޭނުންވާ ގާނޫނު އެކުލަވާލުމަށް ބިލު ޑްރާފްޓު ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން މިހާރު ކުރަމުން އަންނައިރު، އެކަމާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓަރަށް ލަފާ އެރުވުމަށް ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑެއް ވެސް ވަނީ އުފައްދައިފައެވެ.

މިނިސްޓަރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިންޓަނޭޝަނަލް ލޭބާ އޮގަނައިޒޭޝަން (އައިއެލްއޯ) އާއި މުސާރަ އާއި އުޖޫރައާ ގުޅޭގޮތުން ލަފާދޭ ބޯޑުގެ ފަރާތުން ތައްޔާރުކޮށްފައިވާ މިނިމަމް ވޭޖްއާ ގުޅޭ ދެ ދިރާސާ ރިޕޯޓް މިއަދު ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި ދެ ރިޕޯޓު ކެބިނެޓަށް ހުށަހެޅުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ 2020ގެ ފުރަތަމަ ދައުރަށް ހުށަހަޅަން ނިންމާފައިވާ ކަމަށް ވިދާޅުވެފައިވެއެވެ.

އިކޮނޮމިކް މިނިސްޓަރު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުން، އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ ކަންތައް އަންނަ އަހަރުގެ ކުރީކޮޅު ނިމޭނެއެވެ. އަދި އައިއެލްއޯގެ އެހީތެރިކަމާއެކު އެކަމާގުޅޭ ގޮތުން ދިރާސާ ކުރަމުން އަންނައިރު އެންމެ ކުޑަ އުޖޫރައެއް ކަނޑައަޅަން ރަނގަޅީ މުޅި ރާއްޖެއަށް އެއް މިންގަނޑަކުންތޯ ނުވަތަ އެކި ދާއިރާތަކަށް ތަފާތުކުރުން ރަނގަޅުތޯ ބެލުން ހިމެނޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.