މަގުމަތީގެ އެކްސިޑެންޓް

ވައިކަރަދޫގައި ހިނގި އެކްސިޑެންޓުގައި ހާލު ސީރިއަސްވި މީހާ އޮތީ ވެންޓިލޭޓަރުގައި

މުހައްމަދު ޝަހީމް

ހދ. ވައިކަރަދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި މީހަކަށް ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.

"ވަން"އަށް އެނގިފައިވާ ގޮތުގައި މިއަދު ހަވީރު ވައިކަރަދޫގައި ހިނގި އެ އެކްސިޑެންޓުގައި އަނިޔާވެފައިވަނީ އެރަށު ފެމޯރާގެ، އުމުރުން 48 އަހަރުގެ މުހައްމަދު ޒާހިރަށެވެ.

"ވަން"އަށް މައުލޫމާތުދެއްވަމުން ވައިކަރަދޫ ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ ވާފިރު ވިދާޅުވީ އެ އެކްސިޑެންޓު ހިނގާފައިވަނީ ވައިކަރަދޫ ސުލައިމާނިއްޔާ ސުކޫލް ކަންމަތިން ދެ ސައިކަލެއް ޖެހިގެން ކަމަށެވެ.

އެކްސިޑެންޓުގައި އަނިޔާވި ޒާހިރު ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެންގޮސް އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށާއި މިހާރު ލޭ މަނާ ކުރެވިފައިވާތީ ސީޓީ ސްކޭން ނަގަން ރޭޑިއޮލޮޖީ ޑިޕާޓްމަންޓަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް އައިސީޔޫ އިން އަދި އޭނާ ދޫކޮށްލާފައި ނުވާ ކަމަށް ވެސް ވާފިރު މައުލޫމާތުދިނެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުގެ މެނޭޖަރު އަހްމަދު ދާއޫދު "ވަން"އަށް ވިދާޅުވީ ޒާހިރުގެ ސިކުނޑިއަށް ލޭ އެޅިފައިވާ ކަމަށާއި އޭނާއަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި ބާއްވައިގެން ކަމަށެވެ. އަދި ޒާހިރު މާލެއަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ދާއޫދު ވިދާޅުވިއެވެ.

ވައިކަރަދޫ ސިއްހީ މަރުކަޒުގެ ފަރާތުން "ވަން"އަށް މައުލޫމާތުދެއްވަމުން އަބްދުލް ހަމީދު ވިދާޅުވީ ޒާހިރުގެ ބޯފަޅައިގެން ގޮސް، ފައިގެ ތަންތަން މަށައިގެން ގޮސްފައިވާ ކަމަށެވެ. ޒާހިރުގެ އިތުރުން ދެން އެ އެކްސިޑެންޓުގައި އަނިޔާވި އުމުރުން 20 އަހަރުގެ ވިއާމް ވަހީދަށް ވައިކަރަދޫ ސިއްހީ މަރުކަޒުގައި ފަރުވާދިނުމަށްފަހު އިތުރު އެކްސްރޭއެއް ނެގުމަށްޓަކައި އޭނާ ކުޅުދުއްފުށީ ހޮސްޕިޓަލަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ހަމީދު ވިދާޅުވިއެވެ.

އެ އެކްސިޑެންޓާ ގުޅޭގޮތުން ފުލުހުން ބުނީ ވައިކަރަދޫގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައިގެން އުޅޭކަމުގެ މިރޭ 7:01 ހާއިރު މައުލޫމާތު ލިބިފައިވާ ކަމަށާއި އެ އެކްސިޑެންޓުގައި އެކަކުގެ ބޯ ފަޅައިގެން ގޮސް، ހާލު ސީރިއަސްވެގެން ކުޅުއްދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށެވެ.

އެ އެކްސިޑެންޓުގައި ހިމެނޭ ދެވަނަ މީހާއަށް ވައިކަރަދޫ ސިއްހީ މަރުކަޒުގައި ފަރުވާދެމުން އަންނަ ކަމަށާއި އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި އޭނާ ވެސް އިތުރު ފަރުވާއަށް ކުޅުދުއްފުއްޓަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން މައުލޫމާތުދޭ ގޮތުގައި އެ އެކްސިޑެންޓުގައި އަނިޔާވެފައިވަނީ 48 އަހަރުގެ ދިވެހި ފިރިހެނަކާއި 20 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އޭގެ ތެރެއިން ހާލު ސީރިއަސް ވެފައިވަނީ 48 އަހަރުގެ މީހާއަށް ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުންގެ އަތުގައި ވެސް ލައިސަންސް ނެތް ކަމަށާއި އެކްސިޑެންޓު ހިނގާފައިވާ ވައިކަރަދޫއަކީ ފުލުހުން ނުތިބޭ ރަށެއް ކަމަށެވެ. އަދި އެކްސިޑެންޓު ހިނގަން މެދުވެރިވި ސަބަބު އޮޅުންފިލުވުމަށް ތަހުގީގު ކުރިއަށްގެންދާ ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.