އަލަށް ހުޅުވާ ރިސޯޓުތަކަށް ބޭނުންވާ ވަޒީފާތަކަށް މީހުން ތަމްރީން ކުރާނީ އެ ރިސޯޓުގެ ކައިރިން މީހުން އުޅޭ ރަށްރަށުން ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަލީ ވަހީދު މިހެން ވިދާޅުވީ ރައީސް ސޯލިހުގެ ދައުވަތަކަށް 200 އަށް ވުރެ ގިނަ ކައުންސެލަރުންނާ އެކު، ކްރޮސްރޯޑްސްގައި އިއްޔެއިން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށް ގެންދިޔަ "ވިޔަވަތި ރާއްޖެ" މަހާސިންތާގެ މިއަދުގެ ދަންފަޅީގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، އެކަން ކުރާނީ ސަރުކާރައި އެ ރިސޯޓާ ގުޅިގެން ކަމަށެވެ.
އަދި އަންނަ އަހަރުން ފެށިގެން އަލަށް ހުޅުވޭ ރިސޯޓު ތަކަށް، ޓްރެއިނިންގ ކޯޑަށް ރައީސުލް ޖުމްހޫރިއްޔާ ބަޖެޓް އިތުރު ކޮށްދެއްވާފައިވާ ކަމަށެވެ.
"އަންނަ އަހަރުން ފެށިގެން އަލަށް ރިސޯޓުތައް ހުޅުވޭއިރު، މާލެ އަންނަށް ޓްރެއިނިންގ ހަދަން ނުޖެހި އެ ހުޅުވޭ ރިސޯޓެއްގެ ކައިރިން މީހުން ދިރިއުޅޭ ރައްތަކުގައި އެ ރިސޯޓަކަށް ބޭނުންވާ ވަޒީފާގެ ފުރުސަތު ތަކާއި ސަރުކާރާއި އެ ވިޔަފާރި ވެރިއާއާ ގުޅިގެން އަޅުގަނޑުމެން ވަޒީފާގެ ފުރުތުސަތުތަކަށް ތަމްރީން ކުރުން ވެސް އަންނަ އަހަރުން ފެށިގެން ހިންގަން ވަނީ ނިންމައިފަ،" މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ޖުމުލަ 8،000 އެނދާއި 18،000 ވަޒީފާއާ އެއްކޮށް އަލަށް ޓޫރިޒަމަށް ދޫކުރާ ރަށްތައް މާދަމާރޭ އިއުލާން ކުރައްވާނެ ކަމަށެވެ.
މިއީ ރާއްޖޭގެ އެންމެ އުތުރާއި ދެކުނުން އިސްކަން ދީގެން 12 އަތޮޅުން ކަނޑައަޅާފައިވާ ރަށްތަކެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ޓޫރިޒަމަށް ހުޅުވާ ރަށްރަށުގެ ނަންތައް މާދަމާރޭ އިއުލާން ކުރާއިރު، އެތަންތަނުގެ އެންވަޔަރަމެންޓް އެސެސްމެންޓާއި އެރަށްރަށުގެ ކައިރީގައި ހުރި މީހުން ދިރިއުޅޭ ރަށްރަށުގެ ރައްޔިތުންގެ ސޯޝަލް އިކޮނޮމިކް އެސެސްމެންޓް ވެސް ހަދައި ނިމިފައިވާ ކަމަށެވެ.