އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި 24 ގަޑިއިރު ވިޔަފާރިތައް ހުޅުވާފައި ބަހައްޓާނެ އުސޫލެއް ކަނޑައަޅާ އެކަމަށް ތައްޔާރުވާން ފަށައިފި އެވެ.
ވިޔަފާރިތައް 24 ގަޑިއިރު ހުޅުވާފައި ބެހެއްޓުމަށް އުސޫލުތަކެއް ކަނޑައަޅާ އެކަންތައް އިމްޕްލިމެންޓް ކުރުމަކީ ރައީސް ސޯލިހްގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހު ކުރެއްވުމަށް ހަމަޖެހިފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ވިޔަފާރިތައް 24 ގަޑިއިރު ބެހެއްޓުމުގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ވިޔަފާރިތަކަށް އަމާޒުކޮށް ބައެއް މަސައްކަތްތައް ކުރުމަށް ވެސް ވަނީ ހަމަޖައްސާފައެވެ. އޭގެތެރޭގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން އުފައްދާ އެސްއެމްއީ ބޭންކުގެ ޚިދުމަތް ދޭންފެށުމާއި އެފަރާތްތަކަށް ފަހި މާހައުލެއް ބިނާކުރުމަށް އުސޫލުތަކެއް ކަނޑައެޅުމަށް ވަނީ ހަމަޖެހިފައެވެ.
ވިޔަފާރިތައް ހަރުދަނާކުރުމަށްޓަކައި ކުރިއަށް އޮތް 100 ދުވަހުގެ ތެރޭގައި ދެ ބިލެއް މަޖިލީހަށް ހުށަހެޅުމަށްވެސް ވަނީ ހަމަޖެހިފައެވެ. އެއީ ކޮންސިއުމަރ ޕްރޮޓެކްޝަން ގާނޫނާއި އެންޓިޓްރަސްޓް ގާނޫނެވެ.
ރާއްޖޭގައި މީގެކުރީންވެސް ވަނީ 24 ގަޑިއިރު ވިޔަފާރިތައް ހުޅުވާފައި ބެހެއްޓުމަށް ކަނޑައަޅާފައެވެ. އެގޮތަށް ވިޔަފާރިތައް 24 ގަޑިއިރު ހިންގުމަށް ކަނޑައަޅާފައިވަނީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ.