ޚަބަރު

ރައްޔިތުންގެ ވިސްނުމާއި ފިކުރާއި ވިންދަށް ބަލައިގެން ރަށްރަށުގެ ކަންކަން ކުރުމަށް ރައީސް އެދިވަޑައިގެންފި

އިބްރާހިމް ޒަކީ

ކޮންމެ ރަށެއްގައި ކޮންމެ ކަމެއް ކުރިޔަސް، ރައްޔިތުންގެ ވިސްނުމާ ފިކުރާއި ވިންދު އޮތްގޮތް އަޅުގަނޑުމެން ބަލަންޖެހޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދެ ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދިޔަ "ވިއަވަތި ރާއްޖެ" މަޝްވަރާ ބައްދަލުވުން ނިންމުމުގެ ގޮތުން، އެބައްދަލުވުމުގެ ބައިވެރިންނާއި މުހާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

‎މިބައްދަލުވުން ނިންމުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ގިނަ އަދަދެއްގެ ކައުންސިލަރުންގެ ބައިވެރިވުން ފެނިގެންދިޔަ މި ބައްދަލުވުމަކީ ވަރަށް ކާމިޔާބު ބައްދަލުވުމެއްކަން ފާހަގަކުރެއްވިއެވެ. އަދި ކުރިޔަށް އޮތްތަނުގައި ބަޖެޓް ތަންފީޒު ކުރެވެމުންދާއިރު، މިހާރަށްވުރެ ރަނގަޅަށް ރައްޔިތުންނާއި މަޝްވަރާކުރެވިގެން ކުރިޔަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ކައުންސިލަރުންގެ ފަރާތުން އެދިވަޑައިގެންނެވިއެވެ.

‎"ވިއަވަތި ރާއްޖެ" މަޝްވަރާ ބައްދަލުވުމުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އަށް ވަނަ އިސްލާހު ގެނައުމުގެ ބިލް ތަސްދީގުކުރައްވާފައެވެ.

‎މުޅި ރާއްޖޭގައި ކުރިޔަށްގެންދާ ތަރައްގީގެ އެންމެހާ މަޝްރޫއުތަކާބެހޭ މައުލޫމާތު އެއްތަނަކުން ހޯދޭނެގޮތަށް ފަރުމާކުރެވިފައިވާ "އައިލްސް" ވެބްސައިޓް ވަނީ މި ބައްދަލުވުމުގައި އިފްތިތާހު ކޮށްފައެވެ.

މިއަދުން ފެށިގެން މި ވެބްސައިޓު މެދުވެރިކޮށް ރާއްޖޭގައި ކުރިޔަށްގެންދާ އެންމެހާ މަޝްރޫއުތަކާބެހޭ އެންމެ ފަހުގެ މައުލޫމާތު ލިބެން ހުންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެންމެން ގުޅިގެން ތަރައްގީގެ މަގުގައި މަސައްކަތް ކުރުމުގެ މުހިއްމުކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވާލައްވާފައިވެއެވެ.

‎މި ބައްދަލުވުމުގެ ސެޝަންތަކުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ސަރުކާރުގެ އިސް ބޭފުޅުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންވެސް، ކައުންސިލަރުންގެ ސުވާލުތަކަށް ޖަވާބުދެއްވާ، ސެޝަންތަކުގެ އެކި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންފައިވެއެވެ.