ޚަބަރު

އެކަކު ކުރާކަމަކުން ބަޔަކު އައިސް ގައުމު ހިފަންޖެހޭ ހާލަތެއް އަތުވެދާނެތީ، ޓެރަރިޒަމަށް ފައިޓް ދޭންޖެހޭ: އިމްރާން

އިބްރާހިމް ޒަކީ

އެންމެ ދިވެއްސަކު ކުރާ ކަމަކުން މާދަމާ އެހެން ބަޔަކު އައިސް މުޅި ރާއްޖެ ހިފަންޖެހޭ ހާލަތަކަށް ހިނގައިދާނެ ކަމަށާއި އެހެންކަމުން، ޓެރަރިޒަމާއި ވައިލެންޓް އެކްޓްރީމިޒަމާ ދެކޮޅަށް ފައިޓް ދޭން ޖެހޭ ކަމަށާއި އެކަމުގައި އެންމެން ބައިވެރިވަން ޖެހޭ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާގެ ދައުވަތަކަށް 200 އަށް ވުރެ ގިނަ ކައުންސެލަރުންނާ އެކު، ކްރޮސްރޯޑްސްގައި އިއްޔެއިން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށްގެންދިޔަ "ވިޔަވަތި ރާއްޖެ" މަހާސިންތާގައި ރާއްޖޭގެ ޓެރަރިޒަމްގެ ހާލަތާބެހޭގޮތުން މިއަދު ކުރިއަށް ގެންދިޔަ ސެޝަންގައި ބައެއް ބޭފުޅުން ދެންނެވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ، ޓެތަރިޒަމާ ވައިލެންޓް އެކްޓްރީމިޒަމާ ދެކޮޅަށް ސަރުކާރުން ހިންގާ ފައިޓަކީ ދީނަށް ލޯބި ކުރުމާއި، ދީނަށް އުޅުމާ ދެކޮޅަށް ހިންގާ ކަމެއްނޫން ކަމަށެވެ.

އެއީ ދުނިޔޭގައި ފެތުރި، އާއްމު ވެފައިވާ ވަރަށް ނުރައްކާތެރި ބޮޑު ހަަމަނުޖެހުމަކަށް މުޅި ދުނިޔެ ގެންދާ ބޮޑު މައްސަލައަކަށް ކުރަންޖެހިފައި އޮތް ފައިޓެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މީގަ ހަމަ ހުރިހާ ބޭފުޅުން ވިސްނަވާ އިނގޭތޯ، އަޅުގަނޑުމެން އެންމެ ހަތަރު ލައްކައެއްހާމީހުން ހަމަނުވާ ގައުމެއްގައި އެންމެ ރައްޔިތަކު ގޮސް ބޮޑުގައުމެއްގައި ހިންގާ އެންމެ ޖަރީމާއެއްގެ ސަބަބުން މާދަމާ އެހެންބަޔަކު އައިސް މުޅި ރާއްޖެ ހިފަންޖެހޭ ހާލަތަކަށް ކަންތައް ދިއުމަކީ ދުނިޔޭގައި ހިނަގާފަ ހުރި ކަންކަން. ކީއްވެގެންތޯ ގުޅިފައިވާ ގައުމު ތަކުން އަފްޣާނިސްތާނަށް އަރައި އެ ގައުމު ހިފަންޖެހުނީ، ކީއްވެތޯ ސޫރިޔާއަށް ދުނިޔޭގެ ބޮޑެތި ގައުމުތަކުން ވަންނަން ޖެހުނީ، ކީއްވެތޯ އިރާގަށް އަރައިގަތީ، އެހެންވީމަ މިހާލަތަށް އެންމެ ދިވެއްސަކު ކުރާކަމަކުން ގޮއްސިއްޔާ އެންމެން ނޫންތޯ އޭގަ ނިކަމެތި ވަނީ މީ މީގެ ހަގީގަތަކީ، މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ޓެރަރިޒަމަށް އެއްވެސް ފުރުސަތެއް މިސަރުކާރުން ނުދޭނެ ކަމަށާއި، އެކަން ހުއްޓުވަން އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅުއްވާނެ ކަމަށެވެ.

އިމްރާން ވިދާޅުވީ ހަރުކަށި ވިސްނުމުގެ މީހުން ދީނުގެ ނަމުގައި ކަމަށްބުނެ ކުރާ ކަންކަމަކީ ދީނީ ކަންކަން ނޫން ކަމަށާއި އެގޮތައް ކަންކަން ކުރަން ދީނުގައި އަންގަވާފައި ނޯންނާނެ ކަމަށެވެ.