ޚަބަރު

ފަތުރުވެރިކަން އިސްތިހާރު ކުރުމަށް ޓުރިޕްއެޑްވައިޒާ އާއެކު ކެމްޕެއިނެއް ފަށައިފި

ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ފަތުރުވެރިކަމުގެ ދާއިރާއިން ކުރިއަރާފައިވާ ވެބްސައިޓު، ޓްރިޕްއެޑްވައިޒާ އާއެކު ކެމްޕެއިނެއް ފަށައިފިއެވެ.

އެމްއެމްޕީއާރުސީން ބުނީ، އިނގިރޭސިވިލާތް، ސައުދީ އަރަބިއާ، ރަޝިއާ، އިންޑިއާގެ އިތުރުން އިޓަލީ އަދި ޗައިނާގެ މާކެޓަށް އަމާޒު ކޮށްފައިވާ އެ ކެމްޕެއިންގެ ތެރެއިން ރާއްޖޭގެ ޓްރިޕްއެޑްވައިޒާ ވެބްސައިޓުގައި ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރެވިގެންދާނެ ކަމަށެވެ.

އޭގެ އިތުރުން ރާއްޖޭގައި ކުރެވޭނެ ތަފާތު ކަންތައްތައް ފަތުރުވެރިންނަށް ދައްކުވައިދީ، ރާއްޖެއަކީ ފަތުރުވެރިން އެންމެ ޗުއްޓީ ހޭދަކޮށްލަން ބޭނުންވާ އެއް މަންޒިލެއްގެ ގޮތުގައި އިސްތިހާރު ކުރެވިގެންދާނެ ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

ދުނިޔޭގެ އޮންލައިން މާކެޓަށް އަންނަ ބަދަލުތަކާއި އެކު އެންމެފަހުގެ ޓްރެންޑްސްތައް ހިމަނައިގެން ހިންގާ، ދުނިޔޭގެ އެންމެ ބޮޑު އެއް "ސޯޝަލް ޓްރެވަލް" ވެބްސައިޓު، ޓްރިޕްއެޑްވައިޒާއަކީ 315 މިލިއަން ވިޔުވާސް އަދި ތަފާތު ފަތުރުވެރިކަމުގެ އުފެއްދުންތަކުގެ ރިވިޔުސް ހިމެނޭ ވެބްސައިޓެކެވެ.

އެ ވެބްސައިޓުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ހޮޓާ ތަކާއި ރިސޯޓް އަދި ރެސްޓޯރެންޓްސްގެ ރިވިޔުސް ހިމެނޭއިރު ވެބްސައިޓު މެދުވެރިކޮށް ބުކިންސް ވެސް ހެދޭނެއެވެ.

ޓްރިޕްއެޑްވައިޒާއާއެކު އެމްއެމްޕީއާރުސީން ކެމްޕެއިނެއް ފަށާފައިވާއިރު އެ ކުންފުނިން މިއަހަރުވަނީ 17 ޖޮއިންޓް ކެމްޕެއިނެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން 23 މާކެޓަކަށް އަމާޒުކޮށްގެން ފެއާތަކާއި ރޯޑްޝޯ އަދި ގުލޯބަލް ކެމްޕެއިންގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް އިސްތިހާރު ކުރުމަށްޓަކައި ޒަމާނާ އެއްގޮތަށް ޑިޖިޓަލް ޕުލެޓްފޯމު ތަކުގައިވެސް އިސްތިހާރު ކޮށްފައިވެއެވެ.

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ނިސްބަތް މިދިޔަ އޮކްޓޯބަރުގެ ނިޔަލަށް 14.5 ޕަސެންޓް އިތުރުވެފައިވާއިރު، 1.5 މިލިއަން ވަނަ ފަތުރުވެރިޔާ މިދިޔަ މަހު ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފައެވެ.