ޚަބަރު

އިންފޮމޭޝަން ކޮމިޝަނުން ކަނޑައަޅާފައިވާ ގޮތަށް މައުލޫމާތު ހާމަކުރަން: ޑީޖޭއޭ

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހަޅަންޖެހޭ އަހަރީ ރިޕޯޓް ކޮންމެ އަހަރަކު ވެސް ހުށަހަޅަމުންދާ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓަރޭޝަން (ޑީޖޭއޭ) އިން ބުނެފިއެވެ.

ޑީޖޭއޭ އިން އެހެން ބުނެ ބަޔާނެއް ނެރެފައި މިވަނީ، މައުލޫމާތު ފޯރުކޮށްދިނުމުގައި އެންމެ ދަށީ ޝަރުއީ ދާއިރާ އާއި ސިޔާސީ ޕާޓީތަކުން ކަމަށާއި އެ ފަރާތްތަކުން މިހާތަނަށް އެއްވެސް އަހަރީ ރިޕޯޓެއް ހުށަހަޅާފައިނުވާ ކަމަށް ވިދާޅުވެ، އިންފޮމޭޝަން ކޮމިޝަނަރު ހުސެއިން ފިޔާޒު މޫސާ ދެއްކެވި ވާހަކަފުޅާ ގުޅިގެންނެވެ.

ޑީޖޭއޭއިން ބުނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން، ދައުލަތުގެ އިދާރާތަކުން އިންފޮމޭޝަން ކޮމިޝަނަރަށް ފޮނުވުމަށް ލާޒިމުކުރާ ރިޕޯޓު، ތައްޔާރުކުރުން ފަސޭހަކޮށްދިނުމުގެ ގޮތުން ޖެނުއަރީ 8، 2015ގައި އެ ކޮމިޝަނުން ނެރުނު ސާކިއުލާއާ އެއްގޮތަށް އަހަރީ ރިޕޯޓް ހުށަހަޅާ ފޯމު ފުރިހަމަކޮށް، ޖެމްސް ނުވަތަ އީމެއިލް މެދުވެރިކޮށް އިންފޮމޭޝަން ކޮމިޝަނަރަށް ފޮނުވަމުންދާ ކަމަށެވެ.

އެގޮތުން ވޭތުވެދިޔަ ތިން އަހަރު ވެސް އެ އުސޫލުން އަހަރީ ރިޕޯޓް ހުށަހަޅާފައިވާނެ ކަމަށާއި އަދި މިދިޔަ އަހަރުގެ ރިޕޯޓް ޖަނަވަރީ 9، 2019 ގައި ހުށަހަޅާފައިވާނެ ކަމަށް ޑީޖޭއޭގެ ބަޔާނުގައި ބުނެފައިވެއެވެ.

ޑީޖޭއޭ އިން ބުނީ، ޝަރުއީ ދާއިރާގެ ހުރިހާ ކޯޓުތަކެއްގެ އިދާރީ ކަންކަމާއި ތަފާސް ހިސާބުގެ މައުލޫމާތު ބަލަހައްޓަމުން ގެންދަނީ ޑީޖޭއޭގެ ބެލުމުގެ ދަށުން ކަމުގައިވާތީ، ޝަރުއީ ދާއިރާގެ އިންފޮމޭޝަން އޮފިސަރުގެ ގޮތުގައި މުވައްޒަފަކު ހަމަޖައްސައި އަދި އެގާނޫނުގެ ދަށުން އެކުލަވައިލަންޖެހޭ މުރާޖައާ ކޮމިޓީ ވެސް އެކުލަވާލާފައިވާނެ ކަމަށެވެ.

އެހެންކަމުން ކަމުގެ ހަގީގަތް ރައްޔިތުންނަށް އޮޅޭގޮތަށް އެއްވެސް ފަރާތަކުން އެފަދަ މައުލޫމާތު އާންމުކޮށް ހިއްސާ ނުކުރުމަށް ކަމާގުޅުންހުރި އެންމެހައި ފަރާތްތަކަށް ޑީޖޭއޭގެ ބަޔާނުގައި އިލްތިމާސް ކުރައްވައިފައެވެ.