ސިއްޙީ ދާއިރާއިން ރާއްޖެއަށް ގިނަ ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި އެކަންކަން ހައްލުކުރުމަށް ގައުމީ ފެންވަރުގައި މަސައްކަތް ކުރުމުގެ އިތުރުން، އެ މަސައްކަތް ކާމިޔާބު ކުރުމަށް ބައިނަލްއަގުވާމީ ފަރާތްތަކުގެ އެހީ ބޭނުންވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަމީން މިހެން ވިދާޅުވީ ޔޫއޭއީގެ ވެރިރަށް އަބޫދާބީގައި އިއްޔެ ފެށި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ހަތް ވަނަ އިސްލާމިކް ކޮންފަރެންސް އޮފް މިނިސްޓާސް އޮފް ހެލްތު (އައިސީއެޗްއެމް)ގައި މިއަދު ވާހަކަ ދައްކަވަމުންނެވެ.
"ކޮލިޓީ އޮފް ލައިފް" ޝިއާރުގެ ދަށުން މާދަމާގެ ނިޔަލަށް ކުރިއަށްދާ އެ ބައްދަލުވުމަކީ އޯއައިސީގެ މެންބަރު ގައުމުތަކުގެ ސިއްހީ ހާލަތު ވަޒަންކޮށް، އެޖަމިއްޔާގެ ސްރެޓެޖިކް ހެލްތު ޕްރޮގްރާމް އޮފް އެކްޝަން ތަންފީޒުކުރާ މިންވަރު ބަލައި، ގައުމުތަކުގެ ސިއްހީ ހާލަތު ރަނގަޅު ކުރުމަށް ކުރިއަށްގެންދާ ބައްދަލުވުމެކެވެ.
އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ، "ކުއަލިޓީ ޓު ލައިފް" ޝިއާރުގެ ދަށުން ރައްޔިތުންނަށް ރަނގަޅު ސިއްހީ ނިޒާމެއް ފޯރުކޮށްދިނުމަށް ގިނަ ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. ނަމަވެސް އެކަންކަން ހައްލުކުރުމަށް ގައުމީ ފެންވަރުގައި މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އަދި އެކަމަށް ބައިނަލްއަގްވާމީ ދުނިޔޭގެ އެހީތެރިކަން ވެސް ބޭނުންވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެގޮތުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ސިއްހަތަށްކުރާ އަސަރާއި ސިއްހަތަށް ގެއްލުންހުރި ގިނަ އަދަދަކަށް ހަކުރު އެކުލެވޭ ފަދަ ބުއިންތަކާއި ލުއިކާނާ އާއި ސިނގިރޭޓު ކޮންޓްރޯލުކުރުމުގެ އިތުރުން އެންމެންނަށް ވެކްސިން ލިބޭނެ ނިޒާމެއް ގާއިމު ކުރުމަކީ އޯއައިސީގެ ގައުމުތައް އެކީ ގުޅިގެން މަސައްކަތް ކޮށްގެން ކުރިއެރުން ލިބޭނެ ކަންތައްތައްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް ބޭނުންވެފައިވާކަން ފާހަގަކުރައްވާ މިނިސްޓަރު އަމީން ވަނީ، ރާއްޖެފަދަ ވަސީލަތްތައް މަދު ކުޑަ ގައުމަކަށް އެފަދަ ގޮންޖެހުންތަކުން އަރައިގަންނާނެ ގޮތްތަކާގުޅޭ ގޮތުން އޯއައިސީގެ ގައުމުތަކުގެ ލަފަޔަށް އެދިވަޑައިގެންފައެވެ.
އަދި ވެކްސިން ލިބުމުގައި ދަތިތަކެއް އެބަހުރި ކަމަށާއި އެހެންކަމުން އޯއައިސީގެ ގައުމުތަކުގެ ތެރެއިން ވަސީލަތްތައް ގިނަ ބޮޑެތި ގައުމުތަކުން ވެކްސިން އުފެއްދުމަށް ސައިންސަށް އިންވެސްޓުކޮށް، އެ ވަސީލަތްތައް ކުދި ގައުމުތަކަށް ފޯރުކޮށްދިނުމުގައި އެހީތެރިވާންޖެހޭ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު އަމީން ވިދާޅުވި ގޮތުގައި، އަތްފޯރާ ފަށުގައި މީހުންނަށް އެކްސެސް ވެވޭފަދަ ސިއްހީ ނިޒާމެއް އޮތުމަކީ މުހިންމު ކަމެކެވެ. އަދި ހެޔޮއަގުގައި ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަކީ އިންސާނީ ހައްގެއްގެ އިތުރުން ދުޅަހެޔޮ ދިރިއުޅުމަކަށް ވެސް ކޮންމެހެން ބޭނުންވާ އެއްޗެއް ކަމަށް ރާއްޖެއިން ގަބޫލުކުރާ ކަމަށް ވިދާޅުވިއެވެ.
އެގޮތުން މެލޭރިއާ، ހިމަބިހި، ޕޯލިއޯފަދަ ބަލިތައް ރާއްޖެއިން އެއްކޮން ނައްތާލާފައިވާއިރު، ރުބެއްލާ އާއި މަައިމީހާގެ ގައިން ވިހާ ދަރިފުޅުގެ ގަޔަށް އެޗްއައިވީ ސިފިލިސް ވާރުތަވުންވެސް ހުއްޓުވިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އޭގެ އިތުރުން ޅަ އުމުރުގައި މަރުވާ ކުދިންނާއި މާބަނޑު ދުވަސްވަރު މަރުވާ އަދަދުގެ އިތުރުން ރާއްޖޭގެ ލައިފް އެކްސްޕެކްޓެންސީ ވެސް އިތުރުވެފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެއީ ކުދިންނަށް ވެކްސިން ދިނުމުގެ ސިޔާސަތު ދެމެހެއްޓުމަށް ސަރުކާރުން ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ.
އެފަދަ ގައިންގަޔަށް އަރާފަދަ ބަލިތައް ކޮންޓުރޯލް ކުރެވިފައިވީ ނަމަވެސް ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްފަދައިން ރާއްޖެއިން ވެސް ގައިންގަޔަށް ނާރާފަދަ ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް ބޮޑެތި ހަރަދުތައް ކުރަންޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.