އިބްރާހިމް ޒަކީ
ހަރުކަށި ފިކުރުގެ ސަަބަބުން ރާއްޖެ އަށް ވަނީ ނުރައްކާތެރި ދަތި ހާލަތެެއް ކުރިމަތިވެފައި ކަމަށާއި ނަމަވެސް އެކަންކަމަށް ކުރިމަތިލައިގެން ގައުމު އެ ދަތި އުނދަގުލުން ސަލާމަތް ކޮއްދެއްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ، އެމަނިކުފާނުގެ ދައުވަތަކަށް 200 އަށް ވުރެ ގިނަ ކައުންސެލަރުންނާ އެކު، ކްރޮސްރޯޑްސްގައި އިއްޔެއިން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށްގެންދިޔަ "ވިޔަވަތި ރާއްޖެ" މަހާސިންތާގެ ނިމުން ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ މި މަހާސިންތާގައި، ގައުމަށް ދިމާވެފައި އޮތް ބޮޑެތި މައްސަަލަތަކާމެދު ވާހަކަ ދައްކައި މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
އެގޮތުން ތިމާވެއްޓަށް އަންނަ ބަދަލުތަކާބެހޭގޮތުން ރާއްޖެއަށް ދިމާވާ ގޮންޖެހުންތަކާއި، ހަރުކަށި ފިކުރުުގެ ސަބަބުން ރާއްޖެއަށް އޮތް ނުރައްކާތެރި، ބިރުވެރި ކަމާ ދޭތެރޭ މަޝްވަރާ ކޮށްފައިވާ ކަން ފާހަގަ ކުރެއްވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ހަރުކަށި ފިކުރުގެ މައްސަލައާ މެދު އެހާ ހަމަކަން ބޮޑު ގޮތެއްގައި ވާހަކަ ދައްކައި މަޝްވަރާކުރި މިއީ ފިރަތަަމަ ފަހަރު ކަމަށެވެ.
އެހެން އެކަން ކުރެއްވީ އެކަންކަން ސިއްރުކޮށް ހިފޭއްޓުމުގައި ގައުމަށް ލިބޭނެ ފައިދާއެއް ނެތުމުން ކަމަށްވެސް ވިދާޅުވިއެވެ.
"ފުރަތަމަ ކަމަކަށް އަޅުގަނޑުމެން ގަބޫލު ކޮށްފިން ރާއްޖޭގައި ހަރުކަށި ފިކުރުގެ ވިސްނުން އެބައޮތްކަން، ޖިހާދުގެ ނަމުގައި ހަނގުރާކައަށް ސީރިއާ އަށާއި އިރާގަށާއި އަފްޣާނިސްތާނަށް މީހުންދާކަން، އަޅުގަނޑުމެން އެބަ ގަބޫލު ކުރަންޖެހޭ، އެއީ ރާއްޖޭގައި އޮތްކަމެއްކަން، ސަރުކާރުން މިތިބީ އެކަން އެހެން ހިނގާކަން ގަބޫލުކޮށްގެން، އަޅުގަނޑުމެން މިނަގަނީ އުނދަގޫ ޗެލެންޖެއް،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ސަރުކާރުގެ ސިޔާސަތަކީ އެކަމަށް ކުރިމަތިލައިގެން ހައްލު ހޯދުން ކަމަށެވެ.
އެހެންކަމުން ސަލާމަތީ ހިދުމަތްތަކުގެ އެހީތެރި ކަމާއެކު އެބޭފުޅުންގެ ވިސްނުމާއި ފިކުރާ އެކީގައި، ކުރިމަތިވެފައި މިއޮތް ދަތި އުނދަގުލުން މިގައުމު ސަލާމަތް ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.