އިއްޔެ ތަސްދީގު ކުރެއްވި ލޯކަލް ކައުންސިލް ތަކުގެ ގާނޫނަށް ގެނައި އިސްލާހުގައި ބަޔާން ކޮށްފައިވާ ގޮތަށް، ހުރިހާ ބާރުތަކެއް ކައުންސިލްތަކަށް ދޫކޮށްލައްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، އެމަނިކުފާނުގެ ދައުވަތަކަށް 200 އަށް ވުރެ ގިނަ ކައުންސެލަރުންނާ އެކު، ކްރޮސްރޯޑްސްގައި އިއްޔެއިން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށްގެންދިޔަ "ވިޔަވަތި ރާއްޖެ" މަހާސިންތާގެ ނިމުން ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ އެ މަހާސިިންތާ މިއަދު ނިމުނު އިރުވެސް، ގާނޫނުގައި ބުނާގޮތަށް ކައުންސިލްތަކަށް ސަރުކާރުން ބާރުތައް ދޫކޮށްލަފާނެ ކަމާމެދު ބައެއް ކައުންސިލަރުންގެ ހިތުގައި ސުވާލު އުފެދިފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ ކުރިންވެސް ވިދާޅުވި ގޮތަށް، އެމަނިކުފާނު ހުންނެވީ ބާރުތައް އެއްކޮށްގެން ވެރިކަން ކުރައްވާ ގޮތަށްނޫން ކަމަށެވެ. އަދި އެއީ ރައްޔިތުންނަށް އެންމެ ރަނގަޅުގޮތްނޫން ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ގާނޫނަށް އައި ބަދަލާއެކު، އެފަދަ ބޮޑު ބަޖެޓެއް ކައުންސިލްތަކަށް ދިނުމާމެދުވެސް ބައެއް ކައުންސިލަރުން ކަންބޮޑުވާ ކަމަށެވެ. އެއީ ޓެކްނިކަލް އަދި ޕްރޮފެޝަނަލް މީހުން ނެތުމުން ބަޖެޓް ތަންފީޒު ކުރުމުގައި ދިމާވެދާނެ ކަންތައްތަކާ ގުޅިގެން ކަމަށްވެސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ފަށައިގަންނަ އިރު ކޮންމެ ކަމެއްގައިވެސް ގޮންޖެހުންތައް ހުންނާނެ ކަމަށާއި ނަމަވެސް ފަހުން އެކަމެއް ރަނަގުވެގެންދާނެ ކަމަށެވެ. އަދި ގާނޫނަށް އަމަލުކުރަން ފަށައިގަންނައިރު، ކުރިމަތިވާ އެފަދަ ދަތިތައް ހައްލު ކުރުމަށް ސަރުކާރުން ދެވެންއޮތް އެހީތެރިކަމާއި އެއްބާރުލުމެއް ދެއްވާނެ ކަމުގެ ޔަގީންކަންވެސް އެމަނިކުފާނު ދެއްވިއެވެ.
"ބައެއް ބޭފުޅުންގެ ކަންބޮޑުވުންތައް އަޅުގަނޑުމެނަށް ފާހަގް ވެގެންދިޔަ މިފަދަ ބޮޑު ބަޖެޓެއް ކައުންސިލްތަކަށް ލިބުމުން ބަޖެޓް ތަންފީޒު ކުރުމުގައި ޓެކްނިކަލް އަދި ޕްރޮފެޝަނަލް މީހުން ނެތްކަމުގެ ވާހަކަ. އަޅުގަނޑު ހިތުން މަސައްކަތް ކުރީމަ ރަނގަޅުވާނެ، ފަށައިގަންނައިރު ހުންނާނެ ގޮންޖެހުންތައް، އެހންކަމުން މި ގާނޫނަށް އަމަލުކުރަން ފަށާއިރުގައި ކުރިމަތިވާ އެފަދަ ދަތިތައް ހައްލު ކުރުމަށް ސަރުކާރުން ވެެވެންއޮތް ހުރިހާ އެހީތެރިކަމާާއި އެއްބާރުލުމެއް އަޅުގަނޑުމެން ދޭނެ ކަމުގެ ޔަގީންކަންވެސް އަރުވަން،" ރައީސް ވިދާޅުވިއެވެ.