އިންސާނީ އެހީގެ ހަރަކާތް "އިންޓަނޭޝޭނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން "މަސްދަޅު ހަދިޔާ"ގެ ނަމުގައި ކުރިއަށްގެންދާ ކެމްޕެއިނަށް އިތުރު 346 މަސްދަޅު ކޭސް ބޭނުންވާ ކަމަށް އެ ޖަމިއްޔާއިން ބުނެފިއެވެ.
ފިނިމޫސުމުގައި ދަތި ހާލަތެއް ތަހަންމަލު ކުރަމުންދާ ސީރިއާގެ ރައްޔިތުންނަށް މަސްދަޅުގެ އެހީ ފޮނުވުމަށް މިދިޔަ މަހު 29އިން ފެށިގެން ކުރިއަށްގެންދާ މި ކެމްޕެއިނަކީ މިމަހު 25 ގެ ނިޔަލަށް ކުރިއަށްގެންދާ ކެމްޕެއިނެކެވެ.
ދިވެހިންގެ ނަމުގައި ދިވެހި އުފެއްދުމެއް، އެހީގެ ގޮތުގައި ސީރިއާގެ ރައްޔިތުންނަށް ފޮނުވުމަށް ކުރިއަށްގެންދާ މި ކެމްޕެއިނުގައި މަދުވެގެން 20 ފޫޓުގެ 1 ކޮންޓެއިނަރުގެ މަސްދަޅު ފޮނުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭއައިސީން ބުނެއެވެ. އެ ސައިޒުގެ ކޮންޓެއިނަރަކީ 1800 ކޭސް މަސްދަޅު އުފުލޭވަރުގެ ކޮންޓެއިނަރެއް ކަމަށްވާއިރު، އެ އަދަދު ހަމަވުމަށް އަދި އިތުރު 346 މަސްދަޅު ކޭސް ބޭނުންވާކަމަށް އައިއޭސީ އިން ބުނެއެވެ.
އައިއޭސީގެ އިންޓަނޭޝަނަލް ރިލޭޝަންސް ޑައިރެކްޓަރު މުހައްމަދު އަލީ ވިދާޅުވީ ގާތްގަނޑަކަށް ދިވެހި ރާއްޖޭގެ އާބާދީގެ 17 ގުނަ އިތުރު އަދަދެއް ކަމަށްވާ އަށް މިލިއަން ސިރިއާ ރައްޔިތުންގެ ގެދޮރު ފަނާކޮށްލާފައިވާ ކަމަށާއި މީގެ ތެރެއިން ގިނަ އަދަދެއްގެ ރައްޔިތުން ވަރަށް ބިކަ ހާލުގައި ދިރިއުޅެމުންދާ ކަމަށެވެ.
މި ކެމްޕޭނުގައި ބައިވެރިވުމަށް ދިވެހިރާއްޖޭގެ ހުރިހާ މުއައްސަސާތަކަށާއި، ކައުންސިލުތަކާއި ޖަމިއްޔާތަކަށް އައިއޭސީން ވަނީ ގޮވާލައިފައެވެ. އަދި ރާއްޖޭގެ ކޮންމެ ގެއަކުން މަސްދަޅު ކޭހެއް ސީރިއާގެ ރައްޔިތުންނަށް ހަދިޔާކުރެއްވުމަށްވެސް އައިއޭސީން ވަނީ އެދިފައެވެ.
މި ކެމްޕޭނުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް މި ކެމްޕޭނުގެ ހާއްސަ އެކައުންޓް ކަމުގައިވާ ބީއެމްއެލްގެ އިސްލާމިކް އެކައުންޓް 7770000026263 އަށް މަސްދަޅުގެ އަގު ފޮނުވުމުން ބައިވެރިވެވޭނެ ކަމަށް އައިއޭސީގެ އޮފިޝަލުން ވިދާޅުވެއެވެ. އެއީ އެއް ކޭސް މަސްދަޅު ނަމަ 725 ރުފިޔާއެވެ. އަދި ބައިކޭސް ނަމަ 383 ރުފިޔާ އަދި ކޭހެއްގެ ހަތަރު ބައިކުޅަ އެއްބައިނަމަ 182 ރުފިޔާ ކަމަށް އައިއޭސީ އިން މައުލޫމާތު ދެއެވެ.
އައިއޭސީ އިން ބުނީ މި ކެމްޕެއިންގެ ދަށުން މަސްދަޅު ކޭސްތައް ހަދިޔާ ކުރުމަށް ހަމަޖައްސާފައިވަނީ ދިވެހި ބަހުން ލިޔެގެން އެކަމަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވަ ލޭބަލަކާއެކު ކަމަށެވެ. އަދި މި ލޭބަލްގައި މި ތަކެއްޗަކީ ވިއްކުމަށް ތައްޔާރު ކުރެވިފައިވާ ތަކެތި ނޫންކަން އެނގޭނެ ގޮތަށް "ނޮޓް ފޯ ސޭލް" ޖަހާފައިވާނެ ކަމަށް ވެސް އައިއޭސީން ބުނެއެވެ.