ޖަރުމަން ޝެންގެން ވިސާ އަންނަ އަހަރުގެ މާޗު މަހުން ފެށިގެން ރާއްޖޭން ނެގޭނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ރާއްޖެއިން ޖަރުމަން ޝެންގެން ވިސާ ނެގޭނެ ކަން މިނިސްޓަރު އިއުލާނު ކުރެއްވީ މިއަދު ޖަރުމަނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޯން ރޯޑް އާއެކު ފޮރިން މިނިސްޓްރީގައި ބޭއްވި ޖޮއިންޓް ޕްރެސް ކޮންފަރެންސެއްގައެވެ.
އަންނަ މާޗް މަހުން ފެށިގެން ރާއްޖެއިން ޖަރުމަން ޝެންގެން ވިސާގެ ހިދުމަތް ދޭން ފެށި ނަމަވެސް، އަންނަ އޭޕްރީލް މަހު ޖަރުމަނުގެ ބާލިންގައި ބާއްވާ އައިޓީބީ ފެއާ 2020ގެ ބައިވެރިންނަށް ވިސާ ނެގުމުގައި ލުޔެއް ހޯދައި ދިނުމަށް ހަމަޖައްސާފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން އަންނަ ފެބްރުއަރީ މަހު ތިނަކުން ފަހަކަށް ޖަރުމަން ޝެންގެން ވިސާ ދޫކުރުމަށް ވަގުތީ ކުލިނިކެއް ހިންގުމަށް ޖަރުމަނުގެ ސަފީރު އިއުލާނު ކުރައްވާފައިވާ ކަމަށްވެސް މި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ޝާހިދު ވިދާޅުވީ މިހާރު ޔޫރަޕްގެ ގައުމުތަކަށް ދަތުރު ކުރުމަށް ވިސާ ނެގުމަށް ދިވެހިން ދާން ޖެހެނީ އިންޑިއާ ނުވަތަ ލަންކާއަށް ކަމަށެވެ. އަދި ވިސާ ނަގަން އެހެން ގައުމަކަށް ދިއުމަކީ އުނދަގޫ، ބުރަ ކަމެއް ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. މިކަމަށް ހައްލު ހޯދުމުގެ ގޮތުން ވިސާގެ ހިދުމަތް ފޯރުކޮށްދޭ ވީއެފްއެސް ގްލޯބަލް އާއެކު ވެސް ސަރުކާރުން މަޝްވަރާ ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ޝާހިދު ވިދާޅުވީ ޔޫރަޕިއަން ޔޫނިއަންގައި ހިމެނޭ ގައުމުތަކަށް ދިވެހިންނަށް ވިސާނެތި ދަތުރު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މިހާރުވެސް ދުނިޔޭގެ 84 ގައުމަކަށް ކުރިން ވިސާ ނެގުމަކާ ނުލައި ދިވެހިންނަށް ދަތުރު ކުރެވޭ ކަމަށެވެ. އެގޮތުން މިއަހަރު ތެރޭ އެކަނިވެސް ޔުނައިޓެޑް އަރަބް އެމިރޭޓްސް، ރަޝިޔާ، މޮރޮކޯ އަދި ތައިލެންޑުން އޮން އެރައިވަލް ވިސާ ލިބޭނެ ގޮތް ހަމަޖައްސާފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.