ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އިންޑިއާ ކަނޑުގެ ހަމަޖެހުން ދެމެހެއްޓުމަށް ރާއްޖޭގެ ދައުރު ފުރިހަމައަށް އަދާކުރާނަން: ރައީސް

ޝަހީދާ އަބްދުﷲ ސައީދު

އިންޑިއާ ކަނޑުގެ ހަމަޖެހުން ދެމެހެއްޓުމަށް ރާއްޖޭގެ ދައުރު ފުރިހަމައަށް އަދާކުރައްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމަށްފަހު، ރައްޔިތުންނާއި މުޚާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހީމް މުހައްމަދު ޞާލިޙު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން އިންޑިއާ ކަނޑުގެ ހަމަޖެހުން ގާއިމް ކުރުމަށްޓަކާ ރާއްޖޭގެ ދައުރު އެންމެ ފުރިހަމައަށް އަދާކުރައްވާނެ ކަމަށެވެ.

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީވެސް ބައިވެރިވެވަޑައިގެންނެވި މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބުރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ވޭތުވެދިޔަ ފަސް އަހަރު ރާއްޖެ އޮތީ ބައިނަލްއަގުވާމީ ގޮތުން ފެއަށް ޖެހިފައި ކަމަށެވެ.

އަދި ޚާރިޖީ ސިޔާސަތުގައި އިސްކުރާނީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ކަމަށާއި، އިންޑިޔާ އާއި އަވައްޓެރި ގައުމުތަކާ އެކު އޮތް ގުޅުން ބަދަހިކުރައްވާނެ ކަމަށެވެ. އަދި ތަރައްގީގެ ގޮތުން ގުޅުން ބަދަހި ކުރަން ބޭނުންވާ ހުރިހާ ގައުމުތަކާއެކު ގުޅުން ބަދަހި ކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

''ހާރިޖީ ސިޔާސަތުގައި އިސްކުރާނީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތު. އިންޑިއާއާއި އަވަށްޓެރި ގައުމުތަކުގައި އޮތް ގުޅުންތައް ހަރުދަނާ ކުރުމަށް މެދުވެރިއަކަށް ވާނަން،.'' ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން އިންޑިއާ ކަނޑުގެ ހަމަޖެހުން ދަމަހައްޓަވާނެ ކަމަށް ރައީސް ވިދާޅުވެފައިވާއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު އައްޑޫގައި ދެއްކެވި ވާހަކަފުޅުގައި ވެސް ވިދާޅުވެފައިވަނީ އިންޑިއާ ކަނޑުގެ ހަމަޖެހުން ގާއިމްކުރުމުގައި ރާއްޖެއިން އިސް ދައުރެއް އަދާކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ.

އަދި އިންޑިއާގެ ހަމަޖެހުމަކީ ރާއްޖޭގެ ހަމަޖެހުން ކަމަށާއި، އިންޑިއާގެ ހަމަޖެހުން ގާއިމް ކުރުމަށް ދިވެހިން ވެސް މަސައްކަތް ކުރުމަށް ނަޝީދު ގޮވާލެއްވިއެވެ.