އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ހަތް ވަނަ އިސްލާމިކް ކޮންފަރަންސް އޮފް މިނިސްޓާސް އޮފް ހެލްތު (އައިސީއެޗްއެމް) ގައި ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ބައިވެރިވެވަޑައިގަންނަވައިިއެވެ.
ޔުއޭއީގެ ވެރިރަށް، އަބޫދާބީގައި އިއްޔެއިން ފެށިގެން މާދަމާގެ ނިޔަލަށް ކުރިއަށްދާ، މި ބައްދަލުވުމުގައި އޯއައިސީ މެންބަރު ގައުމުތަކުގެ ހެލްތު މިނިސްޓަރުންނާއި ހެލްތު ދާއިރާގެ ފަންނީ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ އެވެ.
މި ބައްދަލުވުމަކީ "ކޮލިޓީ އޮފް ލައިފް" މި ޝިއާރުގެ ދަށުން، އޯއައިސީގެ މެންބަރު ގައުމުތަކުގެ ސިއްހީ ހާލަތު ވަޒަންކޮށް، އޯއައިސީ ސްޓްރެޓީޖިކް ހެލްތު ޕްރޮގްރާމް އޮފް އެކްޝަން ތަންފީޒް ކުރާ މިންވަރު ބަލުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ބައްދަލުވުމެއް ކަމަށާއި މި ބައްދަލުވުން މެދުވެރިކޮށް އޯއައިސީގެ މެންބަރު ގައުމުތަކުގެ ސިއްހީ ހާލަތު ރަނގަޅު ކުރުމަށް ފިޔަވަޅު އެޅޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.
ހެލްތު މިނިސްޓްރީން ބުނީ، މިއަހަރުގެ ބައްދަލުވުމުގައި އެންޓިވެކްސް ކެމްޕެއިންއާއި ގުޅިގެން މެންބަރު ގައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުވާލައި މެންބަރު ގައުމުތަކުގެ ސަމާލުކަމަށް މިކަން ގެނެސް މިކަމަށް ހައްލުހޯދުމަށް ހުރިހާ ގައުމުތަކުން އެއްބާރުލައިގެން މަސައްކަތް ކުރުމަށް އެދި، ރާއްޖެއިން ތައްޔާރުކޮށްފައިވާ ގަރާރެއް މިނިސްޓަރު އަމީން ހުށަހަޅުއްވާނެ ކަމަށެވެ.
އޯއައިސީގެ ހަ ވަނަ އިސްލާމިކް ކޮންފަރެންސް އޮފް މިނިސްޓާސް އޮފް ހެލްތު (އައިސީއެޗްއެމް) ބާއްވާފައިވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު ސައުދީ އަރަބިޔާގެ ޖިއްދާގައެވެ.