އަންހެނުންނާ ނުލައި ގައުމު ތަރައްގީ ނުކުރެވޭނެ ކަމަށާއި އަންހެނުންނަކީ ތަރައްގީގެ 50 ޕަސެންޓު ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ރައީސް ސޯލިހުގެ ދައުވަތަކަށް 200 އަށް ވުރެ ގިނަ ކައުންސެލަރުންނާ އެކު، ކްރޮސްރޯޑްސްގައި އިއްޔެ ފެށި، "ވިޔަވަތި ރާއްޖެ" މަހާސިންތާގައި މިއަދު ކުރިޔަށް ދިޔަ "އުފެންދުންތެރި ރަށާއި މުޖުތަމައު" ސެޝަންގައި ޕެނަލިސްޓެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކައިގަ އެވެ.
އަންހެނުން ސިޔާސީ މައިދާނުގަ އާއި އިގުތިސޯދީ ގޮތުން ބާރުވެރިވުމާ މެދު މުޖުތަމައުގައި ތަފާތު ހިޔާލުތައް އެބަހުރި ކަމަށާއި އެހެން ނަމަވެސް އެއީ އެންމެ ރަނގަޅު ވިސްނުން ކަމަށް ގަބޫލު ނުކުރައްވާ ކަމަށް މިނިސްޓަރު ފައްޔާޒްގެ ވާހަކަ ފައްޓަވަމުން ފާހަގަކުރެއްވި އެވެ. އަދި އަންހެނުންގެ ބައިވެރިވުމާއި އެމީހުންގެ ފުރިހަމަ ދައުރަކާ އެކު މެނުވީ ބޭނުންވާ ހެޔޮ ބަދަލުތައް ނުގެނެވޭނެކަމަށް މިނިސްޓަރު ފައްޔާޒް ފާހަގަކުރެއްވި އެވެ.
"ރައީސް ސޯލިހުގެ ވައުފުޅާ އެކު މި ލާމަރުކަޒީ ގާނޫނަށް މި ގެނެވޭ ބަދަލުތަކާ އެކު އަންހެނުން އާމްދަނީއާ އެކު ބާރުވެރިވެގެން އަންނާނެ. ސަރުކާރުގެ އަމާޒަކީ ވެސް ވިސްނުމަކީ ވެސް، ސަރުކާރުން ކަނޑައަޅާފައިވާ ނޫ އިގުތިސޯދު ތަރައްގީކޮށް ފުޅާކުރުން." މިނިސްޓަރު ފައްޔާޒް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އަޅުގަނޑުމެންނާ ހަމަޔަށް އައި އިރު، ވާރުތަ ވެފައި މި އޮތީ އިގުތިސޯދީ ގޮތުން ވެސް އަދި އިޖުތިމާއީ ގޮތުން ވެސް ހަލާކުވެފައި އޮތް ގައުމެއް ކަމަށެވެ.
އިގުތިސޯދީ ކަންކަމާ ގުޅޭ އެކި ކަހަލަ ދެކޮޅު ވާހަކަ ތަކާއި ތަފާތު އެކި ކަހަލަ ހިޔާލުތައް އެކި ފޯރަމްތަކުން ފެންނަމުން އަންނަކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެއީ ރަނގަޅު ކަމެއް ކަމަށެވެ.
"ސަރުކާރުން ވިޔަފާރިކުރުން މަދުކޮށް، ރައްޔިތުން ވިޔަފާރިކުރުން ފުޅާކޮށް، އޭގެން ސަރުކާރަށް އެއްޗެއް ދީގެން މިކަން ވާނީ. މިސަރުކާރުގެ ސިޔާސަތަކީ ވެސް ސަރުކާރުން ކުރާ ވިޔަފާރި މަދުކޮށް ރައްޔިތުންނަށް ވިޔަފާރީގެ ފުރުސަތުތައް ފަހިކޮށްދީ އެ ފުރުސަތު ފުޅާކުރުން." މިނިސްޓަރު ފައްޔާޒް ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ އަލަށް ތައާރަފުކުރެވޭ ލާމަރުކަޒީ ގާނޫނުގެ ދަށުން ބޮޑެތި ބަޖެޓުތަކެއް ކައުންސިލުތަކަށް ލިބޭ އިރު، އެންމެ ބޮޑު އިސްކަމެއް ދޭން ޖެހޭ އެއް ކަމަކީ ރަށު ފެންވަރުގައި ވިޔަފާރި ފުޅާކޮށް، ރަށުގެ ވިޔަފާރި ތަރައްގީ ކުރުމަށް އެ ބަޖެޓުގެ ބޭނުން ކުރުން ކަމަށެވެ.