ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިސްނަގައިގެން ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކާ ގުޅިގެން ތައްޔާރުކޮށްފައިވާ ''އައިލްސް'' ވެބްސައިޓު އިފްތިތާހު ކޮށްފިއެވެ.
މި ވެބްސައިޓު މިއަދު އިފްތިތާހު ކޮށްފައިވަނީ ކްރޮސްރޯޑްސްގައި މިހާރު ކުރިއަށްދާ "ވިޔަވަތި ރާއްޖެ" ކައުންސިލަރުންގެ މަހާސިންތާގެ މިއަދުގެ ފުރަތަމަ ދަންފަޅީގަ އެވެ.
މި ވެބްސައިޓާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އާމިނަތު ޝައުނާ ވިދާޅުވީ މި ވެބްސައިޓަކީ މީގެ 10 ވަރަކަށް އަހަރު ކުރިން ތައާރަފުކޮށްފައިވާ ޕޯޓަލެއް ކަމަށެވެ.
ޝައުނާ ވިދާޅުވީ މި ވެބްސައިޓަކީ ސަރުކާރުން ހިންގާ ޕްރޮޖެކްޓުތަކުގެ މައުލޫމާތު އާންމު ފަރާތްތަކާ ހިއްސާ ކުރުމުގެ އިތުރުން މައުލޫމާތު ލިބިގަތުމަށް ރައްޔިތުންނަށް ވީހާވެސް ފަސޭހަ ކޮށްދިނުމަށް މަގުފަހި ކުރުމުގެ މަގުސަދުގައި ތައްޔާރުކޮށްފައިވާ ވެބްސައިޓެއް ކަމަށެވެ. ހުރިހާ ރަށެއްގެ މައުލޫމާތުތައް މި ވެބްސައިޓުން ލިބޭނެ ކަމަށް ޝައުނާ ވިދާޅުވިއެވެ.
މީގެ އިތުރުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭ އާއި ގުޅިގެން ރަށުގެ އިގުތިސާދީ ހިސާބުތައް މުސްތަގުބަލުގައި ވެބްސައިޓުން ފެންނާނެ ގޮތުގެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޝައުނާ ވިދާޅުވިއެވެ. މީގެ ތެރޭ ރަށުގެ ޖީއެސްޓީ، ރަށަށް ލިބޭ އާމްދަނީ އަދި ރަށުގެ ވަޒީފާ އަދާކުރާ އާބާދީ ފަދަ މައުލޫމާތުތައް މުސްތަގުބަލުގައި މި ސައިޓުން ފެންނާނެ ކަމަށް ޝައުނާ ވިދާޅުވިއެވެ.
މި ވެބްސައިޓުން ސަރުކާރުން ހިންގަމުން އަންނަ އެކި މަޝްރޫއުތަކާއި، ނިމިފައިވާ މަޝްރޫއުތަކާއި ޕްލޭން ކޮށްފައިވާ މަޝްރޫއުތަކުގެ ތަފުސީލު ފެންނާނެ އެވެ. އަދި އެ މަޝްރޫއުތަކަށް ކުރެވޭ ހަރަދުތަކުގެ ތަފުސީލާއި މަޝްރޫއާއި ގުޅޭ އެހެނިހެން މައުލޫމާތުތައްވެސް މި ވެބްސައިޓުން ލިބެން ހުރެއެވެ.
މިއާއެކު ސަރުކާރުގެ އެކި އިދާރާތަކަށް ގުޅޭނެ ގޮތުގެ މައުލޫމާތު، މީހުން ދިރިއުޅޭ އަދި ދިރި ނޫޅޭ ރަށްތައް، ރިސޯޓު ހިންގަމުން އަންނަ ރަށްތައް، ސިނާއީ ގޮތުން ބޭނުން ކުރެވޭ ރަށްތައް އަދި ތިމާވެށީގެ ގާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ ރަށްތަކުގެ މައުލޫމާތުވެސް މި ވެބްސައިޓުން ލިބެން ހުރެއެވެ. ވަކިވަކި އަތޮޅުތަކުގެ މައުލޫމާތުތައްވެސް މި ވެބްސައިޓުން ބަލައިލެވެއެވެ.