އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލް އަތުން އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން ފަސޭހަ މޮޅެއް ހޯދައިފިއެވެ.
ރަށުން ބޭރުގައި ރޭ ކުޅުނު އެ މެޗުގައި އާސެނަލް އަތުން ސިޓީ މޮޅުވީ 3-0ގެ ނަތީޖާއަކުންނެވެ.
އެ މެޗު ފެށިތާ މާގިނައިރުތަކެއް ނުވަނީސް، ސިޓީން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ގެބްރިއަލް ޖެސޫސް ދިން ބޯޅައަކުން ސިޓީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ބެލްޖިއަމް މިޑްފީލްޑަރު ކެވިން ޑި ބްރޭނާއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ އާސެނަލް ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ބާރު ހަމަލާއަކުންނެވެ.
މެޗުގެ 15 ވަނަ މިނެޓުގައި ސިޓީން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. ޑި ބްރޭނާ ދިން ބޯޅައަކުން ސިޓީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ އިނގިރޭސި ފޯވަޑް ރަހީމް ސްޓާލިންއެވެ. އާސެނަލްގެ ޕެނަލްޓީ އޭރިއާ ތެރެއިން ސްޓާލިންއަށް ބޯޅަ ލިބުނު އިރު، އޭނާ ހުރީ ވަރަށް ހުސްކޮށެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ސިޓީން ވަނީ ތިން ލަނޑުގެ ލީޑެއް ހޯދައިފައެވެ. މެޗުގެ 40 ވަނަ މިނެޓުގައި ފިލް ފޮޑެން ދިން ބޯޅައަކުން ސިޓީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ޑި ބްރޭނާއެވެ. އާސެނަލްގެ ޕެނަލްޓީ އޭރިއާ ބޭރުން އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ތިރީ ކަނަކަށެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ލިބިފައިވަނީ ސިޓީއަށެވެ. އެގޮތުން ޑި ބްރޭނާއަށް ލިބުނު ފުރުސަތަކާއި ސްޓާލިންއަށް ލިބުނު ފުރުސަތެއް ފާހަގަކޮށްލެވެއެވެ. ހެޓްރިކް ފުރިހަމަކުރުމަށް ޑި ބްރޭނާއަށް ލިބުނު ފުރުސަތުން އޭނާ ފޮނުވާލި ހަމަލާ އާސެނަލްގެ ކީޕަރު ބާންޑް ލެނޯ މަތަކުރި އިރު، ސްޓާލިން ފޮނުވާލި ހަމަލާ ދިޔައީ އާސެނަލް ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.
އެ ނަތީޖާއަކު ސިޓީ އޮތީ ކުޅުނު 17 މެޗުން ލިބުނު 35 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައެވެ. އެއްވަނައިގައި އޮތް ލިވަޕޫލަށް 17 މެޗުން 49 ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި އޮތް ލެސްޓާ ސިޓީއަށް 17 މެޗުން ލިބިފައިވަނީ 39 ޕޮއިންޓެވެ. ސިޓީގެ ފަހަތުން ހަތަރުވަނައިގައި އޮތް ޗެލްސީއަށް 17 މެޗުން ލިބިފައިވަނީ 29 ޕޮއިންޓެވެ. އަދި ރޭގެ މެޗުން ބަލިވި އާސެނަލް އޮތީ ކުޅުނު 17 މެޗުން ލިބުނު 22 ޕޮއިންޓާއެކު ތާވަލުގެ ނުވަވަނައިގައެވެ.