އިނގިރޭސި ޕްރިމިއާ ލީގުގައި އެވަޓަން އަތުން މެންޗެސްޓާ ޔުނައިޓެޑް ސަލާމަތްވެއްޖެއެވެ.
ޔުނައިޓެޑާއި އެވަޓަން މިރޭ ބައްދަލުކުރި މެޗު ނިމިގެންދިޔައީ 1-1ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ. އެ މެޗު ކުޅުނީ ޔުނައިޓެޑްގެ އަމިއްލަ ދަނޑު، އޯލްޑް ޓްރެފަޑްގައެވެ.
އެ މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑުން ވަނީ ރަނގަޅު ކުޅުމެއް ދައްކައި، ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން ޖެސޭ ލިންގާޑާއި މާކަސް ރަޝްފާޑަށް ލިބުނު ފުރުސަތެއް ފާހަގަކޮށްލެވެއެވެ. މެޗުގެ ދެވަނަ މިނެޓުގައި ޔުނައިޓެޑްގެ މިޑްފީލްޑަރު ލިންގާޑް ފޮނުވާލި ހަމަލާ އެވަޓަންގެ ގޯލާ އަމާޒުވެފައި ނުވާ އިރު، މެޗުގެ 28 ވަނަ މިނެޓުގައި ޔުނައިޓެޑްގެ ފޯވަޑް ރަޝްފާޑު ފޮނުވާލި ހަމަލާ އެވަޓަންގެ އިނގިރޭސި ކީޕަރު ޖޯޑަން ޕިކްފާޑް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.
މެޗުގެ 36 ވަނަ މިނެޓުގައި އެވަޓަނަށް ލީޑު ލިބުނީ ޔުނައިޓެޑުގެ ވިކްޓާ ލިންޑެލޮފް އަތުން ބައިކޮޅަށް ވަން ލަނޑަކާ ގުޅިގެންނެވެ. އެ ލަނޑު ބައިކޮޅަށް ވަދެފައިވަނީ އެވަޓަންގެ ލެއިޓަން ބެއިންސް ނަގައިދިން ކޯނަރެއް ޔުނައިޓެޑުގެ ކީޕަރު ޑޭވިޑް ޑެ ހެއާ މަތަކުރުމާއެކު ލިންޑެލޮފްގެ ފައިގައި ޖެހިފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން އެވަޓަން ކުރީގައި އޮވެގެންނެވެ.
މެޗުގެ 63 ވަނަ މިނެޓުގައި ޔުނައިޓެޑަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ލޫކް ޝޯ ފޮނުވާލި ހަމަލާ، އެވަޓަންގެ ކީޕަރު ޕިކްފާޑް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ. ރީބައުންސް ބޯޅައިން ލަނޑު ޖެހުމަށް ޔުނައިޓެޑުގެ ޑެނިއެލް ޖޭމްސްއަށް ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ހަމަލާ ޖެހުނީ އެވަޓަންގެ ގޯލު ކުރިމަތީ ހުރި ޔުނައިޓެޑުގެ ލިންގާޑުގެ މޫނުމަތީގައެވެ.
މެޗުގެ 77 ވަނަ މިނެޓުގައި ޔުނައިޓެޑުން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ޖޭމްސް ދިން ބޯޅައަކުން ޔުނައިޓެޑަށް ނަތީޖާ ހަމަހަމަކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އުމުރުން 18 އަހަރުގެ ފޯވަޑް މޭސަން ގްރީންވުޑްއެވެ.
މެޗުގެ ފަހުކޮޅު ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ފުރުސަތެއް ލިބިގެންދިޔައެވެ. މެޗުގެ 85 ވަނަ މިނެޓުގައި އެވަޓަންގެ އެލެކްސް އިވޯބީ ފޮނުވާލި ހަމަލާ ޔުނައިޓެޑުގެ ކީޕަރު ޑެ ހެއާ މަތަކުރި އިރު، ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ޔުނައިޓެޑުގެ ރަޝްފާޑް ފޮނުވާލި ހަމަލާ އެވަޓަންގެ ކީޕަރު ޕިކްފާޑް ވަނީ މަތަކޮށްފައެވެ.
ޕްރިމިއާ ލީގުގައި މިރޭ ވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗުން ޓޮޓެންހަމް ވަނީ މޮޅުވެފައެވެ. ރަށުން ބޭރުގައި ކުޅުނު އެ މެޗުން ޓޮޓެންހަމް މޮޅުވީ 2-1ގެ ނަތީޖާއަކުންނެވެ.
އެ މެޗުގެ އަށްވަނަ މިނެޓުގައި ލޫކަސް މޯރާ ވަނީ ޓޮޓެނަހަމްއަށް ލީޑު ހޯދައިދީފައެވެ. މެޗުގެ 67 ވަނަ މިނެޓުގައި ވުލްވްސްއަށް އެޑަމާ ޓްރައޯރޭ ނަތީޖާ ހަމަހަމަކޮށްދިން ނަމަވެސް، ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ޔޭން ވާޓޮންގެން ވަނީ ޓޮޓެންހަމްއަށް އަލުން ލީޑު ހޯދައިދީފައެވެ.
ޕްރިމިއާ ލީގު ތާވަލުގައި މެންޗެސްޓާ ޔުނައިޓެޑް އޮތީ ކުޅުނު 17 މެޗުން ލިބުނު 25 ޕޮއިންޓާއެކު ހަ ވަނައިގައެވެ. މިރޭގެ މެޗުން މޮޅުވުމާއެކު ކުޅުނު 17 މެޗުން ލިބުނު 26 ޕޮއިންޓާއެކު ޓޮޓެންހަމް ވަނީ ތާވަލުގެ ފަސްވަނައަށް ޖެހިލައިފައެވެ. ތާވަލުގެ އެއްވަނައިގައި އަދިވެސް އޮތީ ލިވަޕޫލެވެ. އެޓީމަށް 17 މެޗުން ލިބިފައިވަނީ 49 ޕޮއިންޓެވެ.