ޚަބަރު

އެސްޓީއޯ އިން ނިޕޯން ކުލަ ގަތުމުން ކުލަލައިދެނީ

އެސްޓީއޯއިން ވިއްކާ ނިޕޯން ކުލަ ގަތުމުން، ކުލަލައިދިނުމުގެ ހިދުމަތް ފަށައިފިއެވެ.

ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ، ފިޔަވަތީގައި ބޭއްވި ރަސްމިއްޔާތެއްގައި ކުލަ ލައިދިނުމުގެ ހިދުމަތް ފައްޓަވައިދެއްވީ ނިޕޯން ޕެއިންޓް ސިންގަޕޫރުގެ، ސީނިއާ މެނޭޖާ ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް އެކްސްޕޯޓް ހެންރީ އަންގްއެވެ.

އެގޮތުން ކުލަ ލުމުގެ ހިދުމަތް އިފުތިތާހު ކުރުމުގެ ގޮތުން ފުރަތަމަ ކުލަ ލައިދީފައިވަނީ ވެސް ފިޔަވަތީގައެވެ. އަދި އެސްޓީއޯއިން ވަނީ ފިޔަވައްޗަށް ބޭނުންވާ ކުލަ ދިނުމުގެ އިތުރުން އެތަނުގައި ކުލަ ލައިދޭން ވެސް ނިންމައިފައެވެ.

ދިވެހިންގެ މެދުގައި މަގުބޫލު ބުރޭންޑެއްގެ ގޮތުގައި ރާއްޖޭގައި ވިއްކަމުންދާތާ 20 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ނިޕޯން ކުލަ ގަތުމުން، ކުލަ ލައިދިނުމުގެ ހިދުމަތާއެކު ފާރުގެ ހާލަތު ދެނެގަތުމާއި، "ކަލާ ސްކީމް" އިހުތިޔާރު ކުރުމުގައި ވެސް އެސްޓީއޯއިން ލަފާ ދޭނެއެވެ.

އޭގެ އިތުރުން ކުލަލާއިރު އިމާރާތުގެ ތެރޭގައި ހުންނަ ތަކެތި އަދި ފުލޯރިން ކުލައިން ރައްކާތެރިކޮށްދިނުމާއި ކުލަލުމަށްފަހު ފަރުނީޗަރާއި ތަކެތި އަލުން އަތުރައިދިނުން ހިމެނޭ ކަމަށް ވެސް އެސްޓީއޯއިން ބުނެއެވެ.

އެ ކުންފުނިން ބުނީ، އެސްޓީއޯ ހޯމް އިމްޕުރޫވްމަންޓްގެ ލަފަޔާ އެއްގޮތަށް ނިޕޯން ކުލަ ލުމުން 12 މަސްދުވަހުގެ ވޮރަންޓީ ވެސް ލިބިގެންދާނެ ކަމަށެވެ.