ޚަބަރު

ޕާކު ހަދައި ގައްބަރުސިންގު ކަހަލަ އޮފީސް ގޮނޑި ހޯދާފަދަ ކަންކަމަށް ހަރަދު ނުކުރަން މަޖިލިސް ރައީސް އެދިވަޑިގެންފި

އިބްރާހިމް ޒަކީ

ކައުންސިލްތަކަށް ދޭ ބަޖެޓުން ޕާކު ހެދުމާއި ގައްބަރުސިންގު ކަހަލަ އޮފީސް ގޮނޑި ހޯދުމާއި ބޯޅަ ދަނޑު އެއްވަރު ކުރުން ކަހަލަ ބޭކާރު ކަންކަމަށް ހަރަދު ނުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކައުންސިލަރުންގެ ކިބައިން އެދިވަޑައިގެންފިއެވެ.

އެމަނިކުފާނު މިކަމަަށް އެދިވަޑައިގެންނެވީ ރާއްޖޭގެ ހުރިހާ ކައުންސިލްތައް ހިމެނޭ ގޮތުން ކްރޮސް ރޯޑްސްގައި މިއަދު ފެށި "ވިއަވަތި ރާއްޖެ" މަހާސިންތާގެ ފުރަތަމަ ސެޝަންގައި ކައުންސެލަރުންނާ މުހާތަބު ކުރައްވައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ ރޯދަމަހު ވައުލު ވިދާޅުވާ މީހުން ގެނައުމާއި ހިލޭ ކަރަޓް ބިލު ދައްކައިދިނުންފަދަ ކަންކަމަށް އެ ފައިސާ ހަރަދު ނުކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"އަަޅުގަނޑު ދަންނަވާލަން އޮތް ވާހަކަ އަކީ ތި ފައިސާ ޕާކެއް ހަދަން ނޫނިއްޔާ ބޯލަދަނޑު ޖަހަން، ނުވަތަ ބޯޅަދަނޑު އެއްވަރު ކުރަން ނުވަތަ ގައްބަރުސިންގު ކަހަލަ އޮފީސް ގޮނޑިއެއް ހޯދަން، ނުވަތަ މިބާވަތުގެ ކަންކަމަށް، ނުވަތަ ވައުލު ވިދާޅުވާ މީހުން ރޯދަމަހު ގެންނަން، ހިލޭ ކަރަންޓް ބިލު ދައްކައިދެން ބޭނުން ނުކުރަން،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

މަޖިލިސް ރައީސް ވިދާޅުވީ އެމަނިކުފާނު އެހެން ވިދާޅުވީ އެއީ ކުރަންޖެހޭ ކަންތައްތައް ކަމުގައި ނުވާތީ ނޫން ކަމަށެވެ.

ނަމަވެސް ހަދަން އުޅޭ ގޮތަކީ ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނަސްގެން ކައުންސިލްތަކުގެ ބަޖެޓް ތަކަށް އަންނަ އަހަރުން ފެށިގެން ދޭ ފައިސާ ބޭނުން ކޮށްގެން ވަޒީފާތައް އުފެއްދުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ މަސައްކަތްޕުޅުން، ކައުންސިލްތަކަށް ދީފައިވާ ބަޖެޓް ބޭނުންކޮށްގެން އެކަންކަން ކުރެވޭނެ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، ކައިރީގައި ހައެއްކަ ރިސޯޓު ނެތް ރަށެއް ރާއްޖޭގައި މިހާރު ނޯންނާނެ ކަމަށެވެ.

ކައުންސިލްގެ ބަޖެޓް ބޭނުންކޮށްގެން ކައުންސިލްތަކުން ކުރަންޖެހޭނެ ކަމީ އެ ރިސޯޓުތަކުގެ މަސައްކަތްތައް ރަށްރަށަށް ބަދަލުކޮށް ރަށްރަށުގައި ތިބި ވަޒީފާ ނެތް ފަރާތްތަކަށް ވަޒީފާ ހޯދައިދީ ވިޔަފާރި ފުޅާކޮށް ވިޔަފާރީގެ އުސޫލުން ކަންކަން ކުރުން ކަމަށްވެސް ވިދާޅުވިއެވެ.