ޚަބަރު

ރައީސް ސޯލިހަށް ކުރެއްވި ތުހުމަތަކަށް ބަޔާން ދޭން ދެކޮޅު ހެދުމުން ޖާބިރު އޭސީސީއަށް ހާޒިރުކުރަނީ

މަރިޔަމް ޝަހުދާ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ގުޅޭގޮތުން އެންޓީ ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރަމުންދާ މައްސަލައިގައި ބަޔާން ދޭން ދެކޮޅު ހެދުމުން، ރައްޔިތުންގެ މަޖިލީހުގައި މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު އޭސީސީއަށް ހާޒިރުވާން އަންގައިފިއެވެ.

އޭސީސީން ތަހުގީގު ކުރަމުން އަންނަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ޖާބިރު ބަހުސް ކުރައްވަމުން ރައީސް ސޯލިހު ރިޝްވަތު ނެގި ކަމަށް ތުހުމަތުކޮށް ދެއްކެވި ވާހަކައަކާ ގުޅިގެން، އަމިއްލަ ފަރާތަކުން އެ ކޮމިޝަނަށް ހުށަހެޅި މައްސަލައެކެވެ.

އެ މައްސަލައާ ގުޅިގެން ޑީއާރުޕީން މިއަދު ކުރި ޓުވީޓެއްގައި ބުނީ، ރައީސް ސޯލިހުގެ މައްޗަށް އޭސީސީއަށް އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލައިގައި ބަޔާން ދިނުމަށް ގުޅުމުން އެކަން ނުކުރައްވާނެ ކަމަށް ޖާބިރު ވިދާޅުވެފައިވާ ކަމަށެވެ. އެހެންކަމުން ޖާބިރު އޭސީސީއަށް ހާޒިރުވުމަށް ޗިޓެއް ރައްދު ކުރުމަށް ގުޅާފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އެކި ޖަލްސާގައި ޖާބިރު ވަނީ ރައީސް ސޯލިހަށް ވައްކަމުގެ ތުހުމަތުކޮށް، ރިޝްވަތުގެ ފައިސާ ބެއްސެވި ކަމަށާއި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގައި ވެސް ރައީސް ސޯލިހު ޖެހިފައިވާ ކަމަށް ތުހުމަތު ކުރައްވައިފައެވެ. އަދި ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެންނެވީ އެމްޑީޕީއަށް ލިބުނު ވެރިކަން ފޭރިގެން ކަމަށާއި އޭނާގެ އަތުން ރައީސް ސޯލިހު ފައިސާ ނެންގެވި ކަމުގެ ތުހުމަތު ވެސް ތަކުރާރުކޮށް ވިދާޅުވެފައިވެއެވެ.