ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް (އެންޕީއެމް) އިން ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުން ހުޅުމާލޭގައި ހުންނަ ކުޑަކުދިން ބަލަހައްޓާ މަރުކަޒު، ފިޔަވައްޗަށް ޒިޔާރަތްކޮށް، އެތަނުގެ ކަންކަން މޮނީޓާ ކޮށްފިއެވެ.
އެޗްއާރުސީއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މިދިޔަ ޖުލައި މަހު އެ ކޮމިޝަންގެ ތަހުގީގީ ޑިޕާޓްމަންޓަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ފިޔަވައްޗަށް ކުރި ޒިޔާރަތުން އެ މަރުކަޒުގެ ހާލަތާ ގުޅޭގޮތުން ބައެއް ކަންކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެކަންކަމާމެދު ކޮމިޝަނުގައި މަޝްވަރާކޮށްފައިވާ ކަމަށް ބަޔާނުގައިވެއެވެ.
އެޗްއާރުސީއެމުން ބުނީ، އެ ކޮމިޝަނުން ފިޔަވައްޗަށް މިއަދު ކުރި ޒިޔާރާތުގެ މަގުސަދަކީ ފާހަގަކުރެވިފައި ހުރި ކަންކަން ބަލައި، އެ މަރުކަޒުގެ މިހާރުގެ މެޓީރިއަލް ކޮންޑިޝަން ބެލުން ކަމަށެވެ. ނަމަވެސް އެ ކޮމިޝަނުން ތަހުގީގު ކުރަމުންދަނީ ކޮން މައްސަލައެއް ކަމެއް ބަޔާނުގައި ބުނެފައެއް ނުވެއެވެ.