ޚަބަރު

އިހުމާލެއް ނެތި ނުނިމި ލަސްވާ މައްސަލަތައް ރިވިއުކޮށްދޭން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ދައުވާކޮށްފައިވާ މައްސަލަތަކުގެ ތެރެއިން ތުހުމަތުކުރެވޭ ފަރާތުގެ ކުށެއް ނުވަތަ އިހުމާލެއްނެތި ނުނިމި ލަސްވާ މައްސަލަތައް ރިވިއުކުރުމަށް ހުށަހެޅޭނެ ގޮތް ހަދައި، އެކަމަށް ޕްރޮސެކިއުޓަރު ޖެނެރަލް (ޕީޖީ)ގެ އޮފީހުން ހުޅުވާލައިފިއެވެ.

މައްސަލަތަކުގައި ނިންމާފައިވާ ނިންމުންތައް މުރާޖައާކޮށް މުތާލިއާ ކުރުމަށް އެ އޮފީހުގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ވަނީ ރިވިއު ކޮމިޓީއެއް އެކުލަވާލައިފައެވެ.

ޕީޖީ އޮފީހުން ބުނީ، އެ ކޮމިޓީގެ މެންޑޭޓަށް ޕީޖީން މީހެއްގެ މައްޗަށް ދައުވާ އުފުލުމަށް ނުވަތަ ނުއުފުލުމަށް ނިންމާފައިވާ ނިންމުމެއް މުރާޖައާކޮށް، އެ ނިންމުން ބަދަލުކޮށް، ކޮށްފައިވާ ދައުވާއެެއް ބަދަލުކުރަން ފެންނަނަމަ، އެކަން ކުރުމާއި ޝަރީއަތަށް މައްސަލަ ހުށައެޅުމުގެ ކުރީގައި މީހަކު ހައްޔަރުކޮށް ނުވަތަ ބަންދުކޮށް މި ނޫންވެސް ގޮތަކުން މީހެއްގެ މިނިވަންކަން ހިފެހެއްޓިފައިވާތީ އެކަން މުރާޖައާ ކުރަން ޖެހޭނަމަ އެކަން ކުރުން އިތުރު ކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރުން ޝަރީއަތަށް މައްސަލަ ހުށައެޅުމަށްފަހުގައި ވެސް ޝަރީއަތް ނިމެންދެން މީހަކު ބަންދުގައި ބެހެއްޓުމަށް ނިންމާފައިވާ ނިންމުމެއް ވެސް މުރާޖައާކޮށް، މުތާލިއާ ކުރުން ރިވިއު ކޮމިޓީގެ މެންޑޭޓަށް އިތުރު ކޮށްފައިވާ ކަމަށް ޕީޖީ އޮފީހުގެ ބަޔާނުގައިވެއެވެ.

އެހެންކަމުން، އެކޮމިޓީގެ މެންޑޭޓަށް އިތުރުކޮށްފައިވާ ކަންކަމާ ގުޅޭގޮތުން ދައުވާ އުފުލިފައިވާ މީހަކު ނުވަތަ ބަންދުގައިވާ ދިވެހިންނާއި ބިދޭސީން ހިމެނޭ ގޮތަށް އެކަމުގެ ޝަކުވާ ހުށަހަޅަން ބޭނުންނަމަ ޝަކުވާ ހުށަހެޅޭނެ ފޯމު، އެ އޮފީހާއި އަތޮޅުތެރޭގައި ގާއިމުކޮށްފައިވާ ޕީޖީގެ ގޮފިތަކުންނާއި އޮފީހުގެ ވެބްސައިޓުގެ އިތުރުން ފުލުސް އޮފީހާއި އަތޮޅުތެރޭގައި ގާއިމުކޮށްފައިވާ ފުލުހުންގެ ސްޓޭޝަންތަކުންނާއި ކަރެކްޝަނަލް ސާވިސް އާއި އެ ސާވިސްއާއި އެ ސާވިސްގެ ދަށުން ހިންގަމުން އަންނަ ޖަލުތަކުން ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.