އިބްރާހިމް ޒަކީ
ކުރިއަށް އޮތްތަނުގައި ރަށްރަށުގެ ކަސުންސެލަރުންގެ މުސާރަ ބޮޑު ކުރުމަށް ކައުންސިލަރުންގެ މުސާރައަށް ބަދަލު ގެންނަވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ އެމަނިކުފާނުގެ ދައުވަތަކަށް 200 އަށް ވުރެ ގިނަ ކައުންސެލަރުންނާ އެކު، ކްރޮސްރޯޑްސްގައި "ވިޔަވަތި ރާއްޖެ" ގެ ނަމުގައި މިއަދު ފެށި ކައުންސެލަރުންގެ މަހާސިންތާ ގެ ފުރަތަމަ ސެޝަންގައި ކައުންސެލަރަކު އުފެއްދެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އެމަނިކުފާނު ރިޔާސަތު ބެލެެއްހެއްޓެވި މި ސެޝަންގައި ސުވާލު އުފައްދަވަމުން ޅ.އަތޮޅު ކައުންސިލްގެ ރައީސް އިބްރާޙިމް ޝިމާއު ވިދާޅުވީ، ރައީސް މިއަދު ތަސްދީގު ކުރެއްވި، ލާމަރުކަޒީ ގާނޫނުން ބޮޑެތި މަސްއޫލިޔަތު ތަކެއް ކައުންސިލްތަކާ ހަވާލުވެގެން ދާއިރު، އެކަންކަން ތަންފީޒު ކުރުމަށް ގާބިލް، ތައުލީމީ މީހުން ކައުންސިލަރުންގެ ގޮތުގައި ކައުންސިލް ތަކަށް ނިކުންނަންޖެހޭ ކަމަށެވެ. ނަމަވެސް މުސާރައިގެ ކުޑަކަމުން އެފަދަ ގާބިލް މީހުން ކައުންސިލްތަކަށް ނުނިކުންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޝިމާއު ވިދާޅުވީ އެފަދަ ގާބިލް މީހުން އެ ކަންތައްތައް ތަންފީޒު ކުރަން ނިކުންނާނީ ރަނގަޅު އިނާއަތެއް ލިބިގެންކަމަށެވެ. އެފަދަ މީހުން ނެރެން ބޭނުންނަމަ އިނާޔަތް ރަނގަޅު ކުރަންޖެހޭ ކަމަށް ކައުންސެލަރު ވިދާޅުވިއެވެ.
ޝިމާއު ދެއްކެވި ވާހަކައާ ގުޅިގެން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ކައުންސިލަރުންގެ މުސާރަ އަށް ބަދަލު ގެންނަވާނެ ކަމަށެވެ. ނަމަވެސް އެއީ ދައުލަތުގެ މާލއިްޔަތަށް ބެއްލެވުމަށްފަހު ކަމަށްވެސް ވިދާޅުވިއެވެ.
އަދި ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގައި ވެސް އަންހެނުންގެ ކޮމިޓީތަކަށް ފުރަތަމަ ފަހަރަށް މުސާރަ އާއި ހިންގުމުގެ ހަރަދު ދިނުމަށް ކަނޑައަޅާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"މުސާރައަށް އިރާދަ ކުރެވިއްޔާ އަޅުގަނޑުމެން ބަދަލު ގެންނާނަން، ދައުލަތުގެ މާލިއްޔަތަށް ބަލައިފަ. އެނގިވަޑައި ގަންނަވާނެ މިފަހަރު މި ގާނޫނު ފާސްވުމާ އެކީގައި އަންހެނުންގެ ކޮމިޓީއަށް މުސާރަ އާއި ހިންގުމުގެ ހަރަދު ފުރަތަމަ ފަހަރަށް ކަނއެޅިގެން މިދަނީ، އެހެންވީމާ އަޅުގަނޑު އުއްމީދު ކުރަނީ ހުނަރުވެރި އެކަށޭނަ ބޭފުޅުން ކުރިމަރިލައްވާނެ ކަމަށް،" ރައީސް ސޯލިހު ވިދާޅުވިއެވެ.