ޝަހީދާ އަބްދުﷲ ސައީދު
ފަހަކަށް އައިސް ރާއްޖޭގައި އަނިޔާވެރިކޮށް މަރާލާފައިވާ މީހުންގެ މަރުގެ ހަގީގަތް، ހޯއްދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމަށްފަހު، ރައްޔިތުންނާއި މުޚާތަބުކުރައްވާ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި މަރުތަކުގެ ހަގީގަތް ހޯދައި، އެކަން ރައްޔިތުންނަށް ހާމަކޮށްދެއްވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ މަސައްކަތްޕުޅަކީ އިންސާފުވެރި ވެރިކަމެއް ކަށަވަރުކޮށްދިނުމުގެ މަސައްކަތް ކަމަށާއި، ރައްޔިތުންނަށް ފެނިގެން ދާނީ ހުރިހާ ކަމެއް އިންސާފުގެ މަގަށް ރުޖޫއަވެގެންދާ މަންޒަރު ކަމަށެވެ.
އަދި ރައްޔިތުންނަށް ޖަވާބުދާރީވާނެ ސަރުކާރެއް އުފެދިގެންދާ މަންޒަރު ފެނިގެން ދާނެކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް މިއަދު ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނުގެ ސަރުކާރުގައި ރައްޔިތުންނަށް އަމާންކަން ކަށަވަރުކޮށްދެއްވާނެ ކަމަށާއި، ގައުމުގައި ސުލްހަ ގާއިމްކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މަރުގެ ތަހުގީގުތައް ހޯއްދަވާ ހާމަކުރައްވާނެ ކަމަށް ރައީސް އިބުރާހީމް މުހައްމަދު ސޯލިހު ވިދާޅުވި އިރު، އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ޑރ. އަފްރާޝީމް އަލީ އާއި، ޔާމީން ރަޝީދުގެ އިތުރުން، ގެއްލިފައިވާ އަހުމަދު ރިލްވާންގެ މަރުގެ މައްސަލަ އަލުން ބަލައި ތަހުގީކުރާނެ ކަމަށް އެމަނިކުފާނު އިންތިޚާބުވެވަޑައިގަތުމުގެ ކުރިންވެސް ވަނީ ވިދާޅުވެފައެވެ. އަދި އެމައްސަލަ ތަހުގީގުކޮށް، ގާތިލުން އިންސާފުގެ ކުރިމައްޗަށް ހާޒިރުކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.