ޚަބަރު

އިންތިހާބީ ނިޒާމަކީ ހަމަހަމަކަމާއެކު ދެފުށް ފެންނާނެ ނިޒާމަކަށް ވާނެކަމުގެ އިތުބާރު އެބައޮތް: އަކްރަމް

މަރިޔަމް ޝަހުދާ

އިންތިހާބީ ނިޒާމަކީ ހަމަހަމަކަމާއެކު ދެފުށް ފެންނާނެ ނިޒާމަކަށް ވާނެކަމުގެ އިތުބާރު އޮތް ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަދި ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވެއްޖެއެވެ.

އަކްރަމް މިހެން ވިދާޅުވެފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އިންޑިއާގެ އިލެކްޝަންސް ކޮމިޝަނާއެކު ރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުން ސޮއި ކުރި އެއްބަސްވުމާ ގުޅިގެން ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ކުރެއްވި ޓުވީޓަކަށް ރައްދުދެއްވައި ކުރެއްވި ޓުވީޓެއްގައެވެ.

ޝުޖާއު އިއްޔެ ކުރެއްވި ޓުވީޓެއްގައި ރާއްޖެއާއި އިންޑިއާއާ ދެމެދު ވެވުނު އެއްބަސްވުން ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކަކާ ހިއްސާކުރުމަށް ގޮވާލާފައިވެއެވެ. އަދި 'ސަރުކާރުން ވޯޓުން ވައްކަން ކުރަން އުޅޭ "ވަސް ގަދައަށް ދުވާ" ކަމަށް ވިދާޅުވެ، ކުރިއަށް އޮތް ކައުންސިލް އިންތިހާބަށް ސަރުކާރުން ނުފޫޒު ފޯރުވާނެ ކަމަށް އިޝާރާތް ކުރައްވާފައިވެއެވެ.

އިންޑިއާ އަދި ރާއްޖޭގެ އިލެކްޝަން ކޮމިޝަނުގެ ދެމެދު ވެވުނު އެއްބަސް ވުމާއި ގުޅިގެން ޝުޖާއު ކުރެއްވި ޓުވީޓު ---

އެ ޓުވީޓަށް ރައްދުދެއްވަމުން އަކްރަމް ވިދާޅުވީ އިންޑިއާގެ އިލެކްޝަންސް ކޮމިޝަނާއެކު ރާއްޖޭގެ އިލެކްޝަނުން ސޮއިކުރި އެއްބަސްވުމުގައި ފޮރުވަން ޖެހޭނެ އެއްވެސް ކަމެއް ނެތް ކަމަށެވެ. އަދި މި އެއްބަސްވުމުގައި މައިގަނޑުގޮތެއްގައި ހިމެނެނީ ދެ ކަމެއް ކަމަށް އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގައި މަސައްކަތް ކުރާ މުވައްޒަފުންނަށް "އިލެކްޓޯރަލް ސްޓަޑީޒް" އާ ގުޅިގެން ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، ދެގައުމުން ދެ ގައުމުގެ އިންތިހާބީ ނިޒާމުގެ ތަޖުރިބާ ހިއްސާކުރުންވެސް އެ އެއްބަސްވުމުގައި ހިމެނޭ ކަމަށެވެ. އަދި މި ދެ ކަމާ ގުޅިގެން އިތުރު މައުލޫމާތު ފޯރުކޮށްދިނުމަށް މީގެ ކުރިން އިލެކްޝަނުން އާންމުކޮށްފައިވާ އެކި މައުލޫމާތު އަކްރަމް ހިއްސާ ކުރެއްވިއެވެ.

އަކްރަމް ވިދާޅުވީ ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކުގެ ރެޕްރެޒެންޓޭޓިވުން ހިމެނޭ ނެޝަނަލް އެޑަވައިޒަރީ ކޮމިޓީގެ މެމްބަރުންނާއި އެކި އިދާރާތަކާއި އަމިއްލަ ފަރާތްތަކަށް ވޯޓު ގުނާ ގޮތުގެ ޑްރިލް އޮބްޒާވް ކުރުމަށް ދައުވަތުދީގެން، އިއްޔެ އެ ޕްރޮސެސް ދައްކާލާފައިވާ ކަމަށެވެ. އަދި އިލެކްޝަނުގެ އިންތިހާބީ ނިޒާމަކީ ހަމަހަމަކަމާއެކު ދެފުށް ފެންނާނެ ނިޒާމަކަށް ވާނެކަމުގެ އިތުބާރު އޮތް ކަމަށް ވެސް އަކްރަމް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިހާރު އަންނަނީ އަންނަ އަހަރުގެ ކައުންސިލް އިންތިހާބު ބޭއްވުމަށް ތައްޔާރުވަމުންނެވެ. އެ އިންތިހާބު ބޭއްވުމަށް ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ އޭޕްރީލް މަހު ހަތަރެއްގައެވެ.