ލާމަރުކަޒީ ގާނޫނަަށް، އަށް ވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ސޮއިކުރެއްވި ގަލަންކޮޅު، ސޮއިކުރައްވައި ނިންމެވުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވެދުންކުރައްވައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދުވަނީ "ވަން އޮންލައިނަށް" އެކަން ކަށަވަރު ކޮށްދެއްވައިފައެވެ.
ރައީސް ގަލަންކޮޅު ވެދުން ކުރައްވާފައިވާއިރު، ރައީސްގެ ވާހަކަފުޅުގައި މި ގާނޫނު ވުޖޫދަށް ގެނައުމުގައި މަސައްކަތް ކުރެއްވި ހުރިހާ ބޭފުޅުންނަށް ވަނީ ޝުކުރު އަދާކުރައްވައިފައެވެ. އަދި ހާއްސަ ގޮތެއްގައި ރައީސް ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، އެ ގާނޫނު ވުޖޫދަށް ގެނައުމަށްޓަކައި ކޮށްދެއްވި ބުރަ، އިހުލާސްތެރި މަސައްކަތް ރައީސް ފާހަގަކުރެއްވިއެވެ.
އެމަނިކުފާނު އެބިލު ތަސްދީގު ކުރެއްވީ ކައުންސެލަރުންނަށް މައުލޫމާތު ދެއްވުމަށް މިއަދު ފެށި "ވިއަވަތި ރާއްޖެ" މަހާސިންތާ އިފުތިތާހު ކޮށްދެއްވުމަށްފަހު އެ މަހާސިންތާގެ ތެރެއިންނެވެ.
ކައުންސިލްތަކުގެ އިހުތިސާސްގައިވާ ތަންތަން ތަރައްގީކޮށް ކުރިއެރުމަށް ކުރަންޖެހޭ ކަންކަން އަމިއްލައަށް ކުރުމަށް، ބޮޑެތި ބާރުތަކެއް ދީފައިވާ އެ ބިލުގައި ކައުންސިލްތައް އެތުރިފައިވާ ގޮތަށް ވެސް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.
އެގޮތުން 3000 މީހުންނަށްވުރެ އާބާދީ މަދު ރަށްތަކަށް ފަސް ކައުންސެލަރުން، އަދި 3000 އަށްވުރެ މަތީ އާބާދީތަކަށް ހަތް ކައުންސެލަރުން އިންތިހާބު ކުރަންޖެހޭ ގޮތަށް ބިލުގައި ހިމަނާފައިވެއެވެ.
އޭގެ އިތުރުން 10،000 މީހުންނާއި 30،000 މީހުންނާ ދެމެދުގެ އަދަދަކަށް ރަޖިސްޓަރީގައި ތިބި ސިޓީތަކަށް ހަ މެންބަރުން އަދި 30،000 މީހުންނާއި 60،000 މީހުންނާ ދެމެދުގެ ސިޓީތަކަށް 10 މެމްބަރުން އިންތިހާބު ކުރަންޖެހޭއިރު، 60،000 އަށްވުރެ މަތީ އާބާދީގެ ސިޓީތަކުގެ ކައުންސިލަށް 18 މެންބަރުން ކަމަށް ވެސް މިއަދު ތަސްދީގު ކުރެއްވި ބިލުގައިވެއެވެ.
އެ ބިލުގައި އެންމެ ހާއްސަ ކަމެއްގެ ގޮތުގައި ހިމަނާފައިވަނީ ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުންނަށް ޔަގީންވާން ޖެހޭނެ ކަމަށް ބުނެފައިވުމެވެ. އެގޮތުން އަންނަ ލޯކަލް ކައުންސިލު އިންތިހާބުގައި އަންހެނުންނަށް 384 ގޮނޑި ޔަގީން ވާނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ވަނީ ބުނެފައެވެ.