އިބްރާހިމް ޒަކީ
ލާމަރުކަޒީ ގާނޫނުގައިވާ ކަންކަން ގަބޫލުކުރާ އަދި އެ ގާނޫނު ތަންފީޒުކުރާނެ ކައުންސެލަރުން ހޮވުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އިލްތިމާސްކުރައްވައިފި އެވެ.
ރައީސް ސޯލިހު މިކަމަށް އިލްތިމާސްކުރެއްވީ، އެމަނިކުފާނުގެ ދައުވަތަކަށް 200 އަށް ވުރެ ގިނަ ކައުންސެލަރުންނާ އެކު، ކްރޮސްރޯޑްސްގައި މީގެ އިރުކޮޅެއް ކުރީން "ވިޔަވަތި ރާއްޖެ" ގެ ނަމުގައި ފެށި ކައުންސެލަރުންގެ މަހާސިންތާ އިފުތިތާހުކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސް ވިދާޅުވީ، ކައުންސިލްތަކުގެ އިންތިހާބު އޮތީ ވަރަށް ކައިރީގައި ކަމަށެވެ. އެ އިންތިހާބުގައި މެންބަރުން ހޮއްވަވާއިރު، ލާމަރުކަޒީ ގާނޫނުގައި ހުރި އުސޫލުތައް ގަބޫލު ކުރާ، އެ ގާނޫނު ތަންފީޒު ކުރުމުގައި ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކައުންސިލަރުން އިންތިހާބު ކުރުމަށް އިލްތިމާސް ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުގެ އެންމެފަހު ބަހަކަށް މިއަދު ދަންނަވާލަން އޮތީ، އަޅުގަނޑުމެންނާ ވަރަށް ކައިރީގައި އެބައޮތޭ، ކައުންސިލްގެ އިންތިޚާބު. ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު މިއަދު ކުރާ އިލްތިމާސަކީ، އެ އިންތިޚާބުގައި މެންބަރުން ހޮއްވަވާއިރު، މި ޤާނޫނުގައި މިހުރި އުޞޫލުތައް ޤަބޫލުކުރާ، މި ޤާނޫނު ތަންފީޒު ކުރުމުގައި ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކައުންސިލަރުން އިންތިޚާބު ކުރުމަށް އިސްކަން ދެއްވާށޭ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިއަދު އެމަނިކުފާނު ތަސްދީގު ކުރެއްވި ގާނޫނުން ލާ މަރުކަޒީ ނިޒާމަށް މި ގެނެވުނީ ވަރަށް މުހިއްމު ބަދަލުތަކެއް ކަމަށެވެ. އޭގެތެރެއިންވެސް އެންމެ މުހިންމު އެއް ބަދަލަކީ، މާލީގޮތުން ކައުންސިލްތައް ބާރުވެރިކުރުވުން ކަމަށާއި ދައުލަތުގެ ބަޖެޓުގެ ވަކި އިންސައްތައެއް ކައުންސިލްތަކަށް ދިނުން ކަމަށްވެސް ވިދާޅުވިއެވެ. ރަށަށް، އަތޮޅަށް އަދި ސިޓީއަށް ލިބޭ އާމްދަނީގެ ވަކި އިންސައްތައެއް، އެ އިސްލާހުން ކައުންސިލްތަކަށް ބަޖެޓުން އެބަ ދޫކުރެވޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މިއަދު މި ތަސްދީގު ކުރެއްވި ގާނޫނަކީ، ވަރަށް ގިނަ މަޝްވަރާތަކަކާއި، ވަރަށް ގިނަ ދިރާސާތަކަކާއި، އަދި ވަރަށް ގިނަ ތަޖުރިބާތަކަކަށްފަހުގައި އެކުލަވައިލި ޤާނޫނެއް ކަމަށާއި، މިކަމުގެ ހެޔޮ ނަތީޖާ ރައްޔިތުންނަށް ހޯދައި ދިނުމުގެ އެންމެ ބޮޑު ޒިއްމާއެއް އުފުއްލަވަން ޖެހޭނީ ކައުންސިލަރުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑު ޤަބޫލުކުރާގޮތުގައި މިއީ، މި ރާއްޖޭގެ މުސްތަޤްބަލަށްޓަކައި ކުރެވުނު ވަރަށް މުހިންމު އިންވެސްޓްމަންޓެއް. މިކަމުގެ ހެޔޮ ނަތީޖާ ރައްޔިތުންނަށް ހޯދައިދިނުމުގެ ޒިންމާ އެންމެ ބޮޑަށް އުފުއްލަވަން ތިއްބެވި ބޭފުޅުންނަކީ ކައުންސިލަރުން،" ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވިއެވެ.