އިބްރާހިމް ޒަކީ
ފައިސާ އާއި ބާރު ދިނުމަށް ފަހު، ކަންކަން ނުކުރާ ނަމަ ކައުންސެލަރުންނާ ސުވާލުކުރައްވާނީ އެމަނިކުފާނު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ކައުންސެލަރުންނާ މުހާތަބު ކުރައްވައި، ރައީސް ސޯލިހު މިހެން ވިދާޅުވީ، އެމަނިކުފާނުގެ ދައުވަތަކަށް 200 އަށް ވުރެ ގިނަ ކައުންސެލަރުންނާ އެކު، ކްރޮސްރޯޑްސްގައި މީގެ އިރުކޮޅެއް ކުރީން "ވިޔަވަތި ރާއްޖެ" ގެ ނަމުގައި ފެށި ކައުންސެލަރުންގެ މަހާސިންތާ އިފުތިތާހުކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސް ވިދާޅުވީ ވެރިކަަމަށް ވަޑައިގެންނެވުމަށް ރައްޔިތުންނަށްވެ ވަޑައިގެންނެވި އެންމެބޮޑު އެއް ވައުދަކީ، ރާއްޖެ ތަރައްގީ ކުރެވޭނީ ޖަޒީރާވަންތަ ރާއްޖެއެއްގެ ގޮތުގައި ކަމަށް ވެ ވަޑައިގެންނެވި ވައުދު ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، މި ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ވަރަށްގިނަ ކައުންސިލަރުންނާއި، ކައުންސިލްތަކާ ބައްދަލުކުރެއްވި ކަމަށާއި، އެބޭފުޅުން ކުރައްވަމުން ގެންދެވީ ބަޖެޓް ނެތުމާއި ހިދުމަތް ދިނުމަށް ހުރި ދަތިކަމުގެ ޝަކުވާ ކަމަށެވެ. އަދި އެ އަޑުތައް އެހުމަށް މިއަދު މިވަނީ އެކަމަށް ހައްލެއް ގެނައުމުގެ މަސައްކަތް ފެށިފައި ކަމަށްވެސް ވިދާޅުވިއެވެ.
މިއަދުގެ ރަސްމިއްޔަތުގައި އެމަނިކުފާނު ތަސްދީގު ކުރެއްވި ލާމަރުކަޒީ ގާނޫނަށް އިއްލާހު ގެނައުމުގެ ބިލަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ، މިއީ ވަރަށް ގިނަ ބަދަލުތަކަކާއެކު، އަމަލުކުރަން ފަށާ ގާނޫނެއް ކަމަށެވެ.
މި ގާނޫނަށް އަމަލުކުރަން ފެށުމުން، ރައްޔިތުންގެ ފައިސާގެ ވަރަށް ބޮޑު ބައެއް، ކައުންސިލަރުންނާ ހަވާލުވެެގެންދާކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، ރައްޔިތުންގެ ތަރައްގީއަށް ކުރަންޖެހޭ ވަރަށް ގިނަ މަސައްކަތްތައް ކައުންސިލްތަކާ ހަވާލު ކުރެވިގެންދާނެ ކަމަށެވެ. އެގޮތުން ރައްޔިތުންގެ މައްޗަށް ބަސް ބުނެ، ގޮތް ނިންމުމުގެ ބާރު އެބަ ކައުންސިލްތަކަށް ދޫކޮށްލެވޭ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ ކުރިން ރަށްރަށުގެ ތަރައްގީއަށް ކުރަންހުރި ކަންތައްތައް ނުކުރެވިގެން އެމަނިކުފާނަށް ކައުންސިލަރުން ސުވާލު ކުރައްވައި، ޝަކުވާ ކުރެއްވި ނަމަވެސް، އެމަނިކުފާނު ވިދާޅުވީ މިއަދު ތަސްދީގު ކުރެއްވި ގާނޫނަށް އަމަކު ކުރަން ފެށުމުން، ރަށުގެ ތަރައްގީއަށް ކުރަންހުރި ކަންތައްތައް ނުކުރެވިގެން، ކައުންސިލްތަކާ ދެން ސުވާލު ކުރައް ވާނީ އެމަނިކުފާނު ކަމަށެވެ.
"މީގެކުރިން ތިޔަބޭފުޅުން އަޅުގަނޑާ ބައްދަލުވާ ކޮންމެ ފަހަރަކު، އަޅުގަނޑާ ކުރައްވާ ސުވާލުތަކެއް ހުރޭ. ރަށުގެ ތަރައްޤީއަށް ކުރަންހުރި ކަންތައްތައް ނުކުރެވިގެން، އެކަމުގެ ޝަކުވާތައް ތިޔަބޭފުޅުން ކުރައްވާ. އެހެން ނަމަވެސް، މި ޤާނޫނަށް ޢަމަލުކުރަން ފެށުމުން، އެ ސުވާލުތައް، ދެން އަޅުގަނޑު ކުރާނީ ތިޔަބޭފުޅުންނާ. ކީއްވެގެންތޯ، ރަށުގެ މިވެނި ކަމެއް، އެވެނި ކަމެއް ނުކުރެވި އޮތީ؟ އަޅުގަނޑުމެން ފައިސާ އެބަ ދޫކޮށްލަން. އިޚްތިޔާރާއި ބާރު އެބަ ދޫކޮށްލަން. އެހެންވީމާ، އަޅުގަނޑާ ބައްދަލުވާ ކޮންމެފަހަރަކު، ތިޔައިން ކޮންމެ ބޭފުޅެއްގެ އަރިހު އަޅުގަނޑު ސުވާލުކުރާނަން، ކީއްވެގެންތޯ، މިވެނި ކަމެއް ނުކުރެވި އޮތީ؟،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެ މަހާސިންތާއަށް މިއަދު އެއްވެ ތިބީ، ގާނޫނަށް ގެނައި ބަދަލުތައް ތަންފީޒު ކުރުމަށް ކަމަށާއި އެކަމަށް ކުރަންޖެހޭ ކަންކަމާމެދު މަޝްވަރާ ކުރުމަށެވެ.
އަދި މި ގާނޫނު ތަންފީޒު ކުރުމުގައި ކައުންސިލަރުންގެ ދައުރަކަށް ވާންވާނީ، އެއްވެސް ރައްޔިތަކު ތަފާތުނުކޮށް، ބާކީނުކޮށް، އިންސާފުވެރިކަމާއެކު ކަންތައްތައް ނިންމަވަމުން ގެންދެވުން ކަމަަށާއި ރައްޔިތުންގެ ފައިސާ ހެޔޮގޮތުގައި ބޭނުންކުރަމުން ގެންދިއުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.