ތިން ގައުމަކުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އަށް އަރުވައިފި އެވެ.
ރައީސް ސޯލިހަށް ސަފީރުކަމުގެ ފަތް ކޮޅު އަރުވާފައިވަނީ ޑެންމާކުގެ ސަފީރު ފްރެޑީ ސްވޭން، ބަލްގޭރިއާގެ ސަފީރު އެލިއެނޮރާ ޑިމިޓްރީ އަދި އަޔަލެންޑުގެ ސަފީރު ބްރެންޑަން ވަރޑް އެވެ. މި ތިން ބޭފުޅުންވެސް ރައީސްއަށް ސަފީރުކަމުގެ ފަތްކޮޅު އަރުވާފައި ވަނީ މި ކަމަށް ހާއްސަކޮށްގެން މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ރައީސްއަށް ފަތްކޮޅު އެރުވުމަށްފަހު މި ތިން ބޭފުޅުންވެސް ވަނީ ރައީސް ސޯލިހުއާއި ބައްދަލު ކުރައްވާ ވާހަކަ ދައްކަވާފައެވެ.
މި ރަސްމިއްޔާތުގައި ޑެންމާކުން އަލަށް ރާއްޖެއަށް ކަނޑައެޅި ސަފީރު ފްރެޑީ ސްވޭން ވަނީ ރާއްޖެއާއި ޑެންމާކާއި ދެމެދުގެ ވިޔަފާރިއާއި ފަތުރުވެރިކަން ފުޅާ ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކާއި ދެކޮޅަށް ދެގައުމު އެކުގައި ކުރެވިދާނެ އެކި މަސައްކަތްތަކާއި ގުޅޭ ގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދިނެވެ.
ބަލްގޭރިއާ އިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު އެލިއެނޮރާ ޑިމިޓްރީ އާއި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވަނީ ނޫ އިގްތިސާދާއި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލް ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން މިކަމަށް ސަރުކާރުން އެކުލަވާލާފައިވާ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ ދަށުން ކުރަމުން އަންނަ މަސައްކަތްތައް ރައީސް ވަނީ ބަލްގޭރިއާގެ ސަފީރާއި ހިއްސާ ކުރައްވާފައެވެ. މީގެ އިތުރުން ދެގައުމުގެ ދެމެދުވާ ގުޅުން އިތުރަށް ބަދަހި ކުރުމާއި ގުޅޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ. އަދި ފަތުރުވެރިކަމާއި އިޔާދަކުރަނިި ހަކަތައިގެ ރޮނގުން ރާއްޖެއަށް ބަލްގޭރިއާގެ އެއްބާރުލުން ބޭނުންވާ މިންވަރު ރައީސްގެ ވާހަކައިގައި ފާހަގަ ކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.
އަޔަލެންޑުގެ ސަފީރު ބްރެންޑަން ވަރޑް އާއި ވާހަކަ ދައްކަވަމުން ރައީސް ވަނީ ރާއްޖެއާއި އަޔަލެންޑުން ދެގައުމުގެ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރިފަހުން 20 އަހަރުވެފައިވާކަން ފާހަގަ ކުރައްވާފައެވެ. އަދި މިހާރު އަޔަލެންޑަކީ އެގައުމަކުން ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތް ކުރާ ގައުމެއްކަންވެސް ފާހަގަ ކުރައްވާ، ކުރިއަށް އޮތް ތާނގައި މިހާރަށް ވުރެ ގިނަ ފަތުރުވެރިން އެގައުމުން ރާއްޖެއަށް ޒިޔާރަތް ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ދެބޭފުޅުން ވަނީ ދެގައުމުގެ ދެމެދު ވިޔަފާރި އާއި އިގްތިސާދުގެ ދާއިރާގެ އިތުރުން މޫސުމާއި ތިމާވެއްޓަށް އަންނަ ބަދަލުތަކުް ލިބޭ ގެއްލުންތައް ކުޑަކުރުމަށް ގުޅިގެން މަސައްކަތް ކުރުމާމެދު މަޝްވަރާ ކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.
މި ތިން ސަފީރުން މިއަދު ރައީސް ސޯލިހާއި ސަފީރު ކަމުގެ ފަތްކޮޅު ހަވާލު ކުރެއްވި އިރު، މިދިޔަ އާދިއްތަ ދުވަހުވެސް ތިން ގައުމަކަށް އަލަށް އައްޔަން ކުރި ތިން ސަފީރަކު ވަނީ ސަފީރު ކަމުގެ ފަތްކޮޅު ރައީސް ސޯލިހަށް އަރުވާފައެވެ. އެއީ އާޖެންޓީނިއަން ރިޕަބްލިކާއި، ރިޕަބްލިކް އޮފް ސައިޕްރަސްގެ އިތުރުން ދަ ކިންގްޑަމް އޮފް ދަ ނެދަލޭންޑްސް ގެ ސަފީރުންނެވެ.