އައްޑޫ ސިޓީ

އައްޑޫ ޓާޝަރީ ހޮސްޕިޓަލުގެ ހިދުމަތް އަންނަ އަންގާރަ ދުވަހު ފަށާނެ: ސޯބެ

މުހައްމަދު ޝަހީމް

އައްޑޫސިޓީގެ ހިތަދޫގައި ތަރައްގީކޮށްފައިވާ ޓާޝަރީ ހޮސްޕިޓަލުގެ ހިދުމަތް އަންނަ އަންގާރަ ދުވަހު ފަށާނެ ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވެއްޖެއެވެ.

"ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ސޯބެ މިއަދު ވިދާޅުވީ ހޮސްޕިޓަލުގެ ހިދުމަތް މިއަދު ފަށަން އޮތް ނަމަވެސް ލަސްވީ ހޮސްޕިޓަަލަށް ބޭނުންވާ ބައެއް ތަކެތި ބަދަލު ކުރުމުގެ މަސައްކަތް ކުރަނީ ކަނޑުމަގުން ކަމަށްވެފައި، މޫސުން ގޮސްވުމުގެ ސަބަބުން ކަމަށެވެ.

"މިއަދު މިކޮޅަށް ވިއްސާރަކޮށް އުޅެނީ، ހޮސްޕިޓަލަށް ބޭނުންވާ ބައެއް ތަކެތި ބަދަލު ކުރުމުގެ މަސައްކަތް މިހާރުވެސް މިއަންނަނީ ކުރަމުން، މިކަން މި ކުރަނީ ކަނޑުމަގުން" ސޯބެ ވިދާޅުވިއެވެ.

ސޯބެ ވިދާޅުވީ ފުރަަތަމަ ފަށާނީ އޯޕީޑީ، ފާމަސީގެ ހިދުމަތް ފަދަ ހިދުމަތްތައް ކަމަށެވެ. އަދި ކުރިޔަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ރަސްމީކޮށް ހޮސްޕިޓާ ހުޅުވައި އިތުރު ހިދުމަތްތައް ދޭން ފަށާނެ ކަމަށެވެ.

"ހިދުމަތްދޭން ފުރަތަމަ ފަށާނީ އޯޕީޑީ، ފާމަސީ ކަހަލަ ތަންތަނުން. ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި ހޮސްޕިޓާ ރަސްމީކޮށް ހުޅުވައި ހިދުމަތް ދޭން ފެށޭނެ" ސޯބެ ވިދާޅުވިއެވެ.

ޓާޝަރީ ހޮސްޕިޓަލުގެ ގޮތުގައި އައްޑޫ ކޮން ކޮންވެންޝަން ސެންޓަރު ތަރައްގީކޮށްފައި ވަނީ ބޮޑު އޮޕަރޭޝަން ތިއޭޓާ ކޮމްޕްލެކްސް އާއި އިމަޖެންސީ ތިއޭޓަރެއްގެ އިތުރުން ހޮސްޕިޓަލެއްގައި ހިމެނޭ ޒަމާނީ ސިއްހީ ހުރިހާ ވަސީލަތެއް ހިމެނޭ ގޮތަށެވެ.

އައްޑޫ ހޮސްޕިޓަލުގެ ވަސީލަތްތަކުގެ ތެރޭގައި ކާޑިއޮލޮޖީ ޑިޕާޓްމަންޓަކާއި ރޭޑިއޮލޮޖީ އާއި ޑަޔަލިސިސް ޔުނިޓަކާއި އެންޑޯސްކޯޕީ އާއި ސައިކޭޓްރިކް ޑިޕާޓްމަންޓެއް އަދި ސައިކޭޓްރިކް މީހުންނަށް ހާއްސަ ވޯޑެއް ވަނީ ހަދައިފަ އެވެ. މީގެ އިތުރުން، ކުޑަކުދިންނަށް ހާއްސަ އެންއައިސީޔޫ އަކާއި އައިސޮލޭޝަން ހަތަރު ވޯޑާއި މޯޗަރީއެއް ވެސް ހޮސްޕިޓަލްގައި ވަނީ ގާއިމް ކޮށްފައެވެ. ސްޕީޗް ތެރަޕީ އާއި ދަތުގެ ސާޖަރީ އާއި ލޮލަށް ލޭޒާގެ ފަރުވާ ދިނުމުގެ ހިދުމަތްވެސް މި ހޮސްޕިޓަލުން ލިބެން ހުންނާނެ އެވެ.

ޖާގަ ތަނަވަސް މި ހޮސްޕިޓަލުގެ ހިދުމަތް ދޭން ފެށުމާ އެކު، މިހާރު ހިދުމަތް ދެމުން އަންނަ ހޮސްޕިޓަލަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމާއި އިމާރާތް ބާވުމާއި ވަސީލަތްތަކުގެ މައްސަލަތަކަށް ހައްލު ލިބިގެންދާނެއެވެ.