ޚަބަރު

ޓެރަރިސްޓް ޖަމާއަތުގެ އަމީން، ޝަރީއަތް ނިމެންދެން ބަންދު ކުރަން އަމުރުކޮށްފި

އިބްރާހިމް ޒަކީ

ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމާއި، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ޏ. ފުވައްމުލައް، މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

އެގޮތަށް އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރު ކުރީ މިއަދު އޮތް ބަންދުގެ މަޖިލީހުގައި ދައުލަތުގެ ފަރާތުން އެގޮތަށް އެދުމާ ގުޅިގެންނެވެ.

ހަނގުރާމަވެރި ޖަމާއަތްތަކަށް މީހުން ރެކްރޫޓް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމުގެ ތުހުމަތުގައި އަމީން ހައްޔަރުކުރީ މިދިޔަ އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހުއެވެ.

އެކަމާގުޅިގެން ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އަމީނަކީ ގިނަދުވަސްތަކެއް ވަންދެން ފުޅާ ދާއިރާއެއްގައި ރާއްޖެއިން ބޭރުގައި ހިންގާ ޓެރަރިސްޓް ޖަމާއަތްތަކަށާއި، ހަނގުރާމަވެރި ޖަމާއަތްތަކުގައި ބައިވެރިވުމަށް ރާއްޖެއިން މީހުން ރެކްރޫޓްކޮށް، ހަނގުރާމައަށް މީހުން ފޮނުވަން އަމަލީގޮތުން ހަރަކާތްތެރިވެ، އެކަމަށް އެހީތެރިވެދީ ވާގިވެރިވަމުންދާ މީހެއް ކަމަށެވެ.

އޭގެ އިތުރުން ދުނިޔޭގެ އެކި ގައުމުތަކުގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތްތަކަށް ވާގިވެރިވުމުގެ ގޮތުން މާލީ އަދި ޓެކްނޮލޮޖިކަލް ސަޕޯޓު ދިނުމުގެ އިތުރުން، ދުނިޔޭގެ އެކި ގައުމުތަކުގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތްތަކުގެ އިސްފަރާތްތަކާވެސް އަމީން ގާތް ގުޅުމެއް ބާއްވާކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެފަދަ ޖަމާއަތްތަކުގެ ހަރަކާތްތައް ކުރިއަށްގެންދިއުމުގައި އަމީނަކީ އިސްކޮށް ހަރަކާތްތެރިވާ ފަރާތެއް ކަމަށެވެ.

އަމީން އަކީ ރަހީނުކޮށް މަރާލި ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލާގައި މަރުތައް ތަހުގީގު ކުރަން އުފެއްދި ރިޔާސީ ކޮމިޝަނުން އެކުލަވާލި ރިޕޯޓްގައި، ރާއްޖޭގެ އައިއެސް ގޮފީގެ ލީޑަރުގެ ގޮތުގައި ފާހަގަކޮށްފައިވާ މީހާއެވެ.

އަމީން ވަނީ އެމެރިކާއިން ކަނޑައަޅާ ޓެރަރިސްޓުންގެ ލިސްޓުގައިވެސް ހިމަނިފައެވެ. އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން އެކުލަވާލި އެ ލިސްޓުގައި ދިވެއްސަކު ހިމެނުނު އެއީ ފުރަތަމަ ފަހަރެވެ.