ކައުންސެލަރުންނަށް މައުލޫމާތު ދެއްވުމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ޗެއާކުރައްވާ "ވިޔަވަތި ރާއްޖެ) މަހާސިންތާ މިއަދު މެންދުރު ފަހު ފަށަން ނިންމައިފި އެވެ. މި މަހާސިންތާ ކުރިޔަށް ގެންދަން ނިންމާފައި ވަނީ ކްރޮސްރޯޑްސްގަ އެވެ.
"ވަން" އަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ އޮފިޝަލަކު ދާދި ދެންމެ ވިދާޅުވީ، މި މަހާސިންތާ އަކީ، ރައީސުލްޖުމްހޫރިއްޔާގެ ދައުވަތަކަށް، އެމަނިކުފާނުގެ އިސްނެންގެވުމަކަށް ކުރިޔަށް ގެންދާ ކަމެއް ކަމަށާއި، މި ދައުވަތު ގަބޫލުކުރައްވައި 200 އަށްވުރެ ގިނަ ކަންސެލަރުން މިހާރު މާލެއަށް ވަޑައިގެން އެބަތިއްބެވި ކަމަށެވެ.
"ލާ މަރުކަޒީ ގާނޫނު ބޮޑެތި ބަދަލު ތަކަކާ އެކު ތަންފީޒު ވެގެން އަންނަ އިރު ކައުންސިލްތައް އެންމެ ރަނގަޅު ގޮތުގައި ބާރުވެރިވެ އޭގެ ފައިދާ އެންމެ ހެޔޮ ގޮތުގައި ރައްޔިތުންނަށް ކުރަމުން ދިޔުމަކީ ރައީސް ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމެއް. ހަމަ އެހެންމެ ބަޖެޓަށް ވެސް މިޔާއެކު ބޮޑެތި ބަދަލުތަކެއް މި ގެންނަނީ ފުދުންތެރި، އަދި މާލީ ބާރުވެރިކަން ވެސް ކައުންސިލްތަކަށް ދޭން. އެހެންވީމަ ރައީސް ބޭނުންފުޅުވަނީ މި ހުރިހާ ކަންކަމުގެ ރަނގަޅު މައުލޫމާތު ކައުންސިލަރުންނަށް ލިބެން." ރައީސް އޮފީހުން ވިދާޅުވި އެވެ.
ރައީސް އޮފީހުގެ އޮފިޝަލު ވިދާޅުވީ މި މަހާސިންތާގައި ބައިވެރިވެވަޑައިގަތުމަށް ވަޑައިގެންތިއްބެވި ބޭފުޅުންގެ ތެރޭގައި 85 އިންސައްތަ ހިމެނިވަޑައިގަންނަވަނީ ކައުންސިލުތަކުގެ ރައީސުން ކަމަށެވެ.
ރައީސް އޮފީހުން ބުނީ މި މަހާސިންތާގައި ކަމާ ގުޅުންހުރި ދާއިރާ ތަކުގެ ހާއްސަ ބޭފުޅުންގެ ބައިވެރިވެވަޑައިގެން ވަރަށް ފުޅާ ދާއިރާއެއްގައި މައުލޫމާތު ދެއްވާނެ ކަމަށެވެ.
މި މަހާސިންތާ ހުޅުވުމުގެ ރަސްމިއްޔާތުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅުދައްކަވާނެ އެވެ. ބައެއް ޝެޝަންތަކުގައި ޕެނަލިސްޓެއްގެ ގޮތުގައި ވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ އެވެ. އޭގެ އިތުރުން، ޔޫންޑީޕީގެ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް، އަކީކޯ ފޫޖީ ވެސް މި މަހާސިންތާ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވާނެ އެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އަށް ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ތަސްދީގުކުރެއްވުމަށް ވެސް ހަމަޖައްސާފައި ވަނީ މި މަހާސިންތާގައި މިއަދު މެންދުރުފަހުގެ ވަގުތެއްގަ އެވެ.
މި މަހާސިންތާ ރާވައި ހިންގަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.