އާ ސަރުކާރުގެ އަމާޒަރަކަށްވާނީ ވިޔަފާރިތަކަށް ފަހި ވެށްޓެއް ގާއިމުކޮށްދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މިއަދު ގަލޮޅު ސްޓޭޑިއަމްގައި ރައްޔިތުންނާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ރާއްޖޭގެ އިގްތިޞާދު ހަރުދަނާކޮށް ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށެވެ.
"ހުޅުވާލެވިފައިވާ ވާދަވެރި ފަސޭހަ ވިޔަފާރީގެ މާހައުލެއް އުފެއްދުމަކީ އަމާޒު،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެފަދަ ކަންތައްތަކަށް ރައްޔިތުންނަށް ހަމަހަމަކަމާއެކު ހިދުމަތް ފޯރުކޮށްދޭނެ ކަމަށެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ވިޔަފާރިއާއެކު ރާއްޖޭގެ ގުދުރަތީ ރީތިކަމާއި މާހައުލު ވަނީ ގުޅުއްވާފައެވެ.
"މާތްﷲގެ ރަހުމަތްފުޅުން އަޅުގަނޑުމެން ދިވެހީންނަށް މިންވަރުކުރައްވާފައި މިވާ ސާފު ދޮންވެލި ގޮނޑުދޮށްތަކާއި ކަނޑުފަޅާއި ފަރުތަކުގެ ހިތްގައިމުކަމާއި ދަނޑުތަކުގެ މުއްސަނދިކަމަކީ ގުދުރަތުގެ އަޖާއިބެއްކަން ކަށަވަރު،" އެމަނިކުފާނު ވިދާޅުވިއެވެ.