ޚަބަރު

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ އަޑުއެހުމެއް މިއަދު ބާއްވަނީ

މަރާލަފައިވާ ސޯޝަލް މީޑިއާ އެކުޓިވިސްޓު އަދި ބްލޮގަރ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ތާވަލު ކޮށްފިއެވެ.

ޔާމީނުގެ މަރުގެ މައްސަލައިގެ އަޑުއެހުން ތާވަލު ކޮށްފައިވަނީ މިއަދު މެންދުރު 13:30 އަށެވެ. މި މައްސަލައިގައި ދައުވާ ލިބޭ ފަރާތްތަކުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ތޫނު ހަތިޔާރު ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާއެވެ.

މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ދައުވާ ލިބޭ އިސްމާއީލް ރަޝީދުގެ ގެ ބަލައި ފާސްކުރި ފުލުސް މީހާއާއި ދައުވާލިބޭ ހުސައިން ޒިޔާދުގެ ގެ ބަލައި ފާސްކުރި ފުލުސް މީހާގެ ހެކިބަސްވަނީ ނަގައިފައެވެ.

އެ އަޑުއެހުމުގައި ފުލުސް މީހާގެ ބުނި ގޮތުގައި، ކޯޓު އަމުރެއްގެ ދަށުން އިސްމާއިލް ރަޝީދު ދިރިއުޅޭ ގެ ފާސް ކުރިއިރު ސިފައިން ލައި އުޅޭ ފަދަ އާމީ ގަމީހަކާއި ފަޓުލޫނަކާއި ތޮތްޕެއްގެ އިތުރުން ލެޕްޓޮޕަކާއި ފޯނެއް އެ ގޭގެ ކޮޓަރިއަކުން ފެނިފައިވެއެވެ.

އެންމެފަހުން ބޭއްވި އަޑުއެހުމުގައި ކުރިއަށް އޮތް ތަނުގައި ދިފާއީ ހެކިންގެ ހެކިބަސް ނަގާނެ ގޮތްތަކެއް ކުރިމިނަލް ކޯޓުގެ ގާޒީ އަލީ ރަޝީދު ވަނީ ހަމަޖައްސަވައިފައެވެ

ގާޒީ ވިދާޅުވީ އަންނަ މަހު 15 ގައި މައްސަލައިގެ ހުލާސާ ބަޔާން ހުށަހެޅުމުގެ އަޑުއެހުން އޮންނާނެ ކަމަށެވެ. އަދި ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު އެ މައްސަލައިގެ ހުކުމް އިއްވާނެ ކަމަށް ވެސް ގާޒީ އަލީ ރަޝީދު ވިދާޅުވިއެވެ.

އުމުރުން 29 އަހަރުގެ ޔާމީން ރަޝީދު އޭނާ ދިރިއުޅުނު ގޭގެ ސިޑި ގޮޅި ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލީ 2017 ވަނަ އަހަރުގެ އޭޕްރީލް މަހުގައެވެ.

ޔާމީން މަރާލި މައްސަލާގައި ދައުލަތުން ދައުވާ ކުރަނީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރަސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލާއި ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. ކުދެހިގޭ ހަސަން ޝިފާޒްގެ އިތުރުން މ. ތާއިފް އިސްމާއިލް ރަޝީދު އަދި މ. ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދުގެ މައްޗަށެވެ.