ދިވެހިރައްޔިތުންގެ ޕާޓީ

ކައުންސިލު އިންތިހާބުގައި ވާދަކުރުމަށް ޑީއާރުޕީގެ ޓިކެޓު ލިބޭނީ 100 މެމްބާޝިޕް ފޯމު ހުށަހެޅުމުން

ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގެ ޓިކެޓު ލިބޭނީ 100 މެމްބާޝިޕް ފޯމު ހުށަހެޅުމުން ކަމަށް އެ ޕާޓީން ބުނެފިއެވެ.

އަންނަ އަހަރުގެ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ޑީއާރުޕީގެ ޓިކެޓުގައި ވާދަކުރުމަށް ބޭނުންވާ ފަރާތްތަކަށް މިހާރު އެ ޕާޓީން ވަނީ ފުރުސަތު ހުޅުވާލައިފައެވެ.

ޑީއާރުޕީން އިއްޔެ ކުރި ޓުވީޓެއްގައި ބުނީ ކައުންސިލް އިންތިހާބުގައި އެ ޕާޓީގެ ފަރާތުން ވާދަކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލުމަށް ޕާޓީގެ ކައުންސިލުން ނިންމާފައިވާ ކަމަށެވެ. އަދި ޑީއާރުޕީގެ ޓިކެޓު ދެވޭނީ 100 މެމްބާޝިޕް ފޯމު ހުށަހެޅުމާއެކު ގާނޫނީ ޝަރުތު ފުރުހަމަވުމުން ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.

އިލެކްޝަންސް ކޮމިޝަނުން މިދިިޔަ މަހުގެ ފަހުކޮޅު އާންމުކުރި ސިޔާސީ ޕާޓީތަކުގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި އެންމެ މެމްބަރުން މަދު ޕާޓީއަކީ ޑީއާރުޕީއެވެ. ޑީއާރުޕީގައި 2985 މެމްބަރުން ތިބި ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާ އެއްގޮތަށް އަންނަ އޭޕްރިލް މަހު ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އަންހެނުންނަށް 384 ގޮނޑި ޔަގީންވާނެއެވެ. އިންތިހާބުގައި ރަށު ކައުންސިލަރުންގެ ގޮތުގައި 923 މީހުން އިންތިހާބުކުރާއިރު ސިޓީ ކައުންސިލަރުންގެ ގޮތުގައި 39 މީހުން އިންތިހާބު ކުރާނެއެވެ.

ކައުންސިލްތަކުން ފުރަތަމަ ފަހަރަށް އަންހެނުންނަށް ގޮނޑިތަކެއް ޔަގީންވެފައިވަނީ، ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުންނަށް ހާއްސަކޮށް، މިމަހުގެ ފަސް ވަނަ ދުވަހު އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުންނެވެ.

މިދިޔަ އާދީއްތަ ދުވަހު ރައީސް ތަސްދީގު ކުރެއްވި އެ ބިލުގައި ބުނެފައިވާ ގޮތުން، 3،000 މީހުންގެ އާބާދީއެއް އޮންނަ ކޮންމެ ރަށު ކައުންސިލަކަށް ފަސް ކައުންސިލް މެންބަރުން އިންތިހާބު ކުރަން ޖެހޭއިރު އޭގެ ތެރެއިން ދެ ބޭފުޅުން ވާންޖެހޭނީ އަންހެނުންނަށެވެ. އަދި 3،000 އަށްވުރެ މީހުން ގިނަ އާބާދީތަކަށް ހަތް ކައުންސިލަރުން އިންތިހާބު ކުރަންޖެހޭނެ ކަމަށާއި އޭގެ ތެރެއިން ތިން މީހުން ވާންޖެހޭނީ އަންހެނުންނަށް ކަމަށް ވެސް ބުނެފައިވެއެވެ.

އޭގެ އިތުރުން 10،000 މީހުންނާއި 30،000 މީހުންނާ ދެމެދުގެ އަދަދަކަށް ރަޖިސްޓްރީގައި ތިބި ސިޓީތަކަށް ހަ މެމްބަރުން އިންތިހާބު ކުރަންވާނެ ކަމަށް އިސްލާހުގައި ބުނެފައިވާއިރު، 30،000 މީހުންނާއި 60،000 މީހުންނާ ދެމެދުގެ ސިޓީތަކަށް 10 މެމްބަރުން، 60،000 އަށް ވުރެ މަތީ އާބާދީގެ ސިޓީތަކުގެ ކައުންސިލަށް 18 މެމްބަރުން ކަމަށް ވެސް ގާނޫނުގައި ބުނެފައިވެއެވެ.