އިންޑިއާގެ ދީނީ އިލްމުވެރިޔާ ޒާކިރު ނައިކު ވަރަށް ފަހުން ރާއްޖެ އެތެރެވާން މަސައްކަތް ކުރި ކަމަށާއި ނަމަވެސް އެ ހުއްދަ ސަރުކާރުން ދީފައިނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ހަރުކަށި ފިކުރަށް ހިތްވަރުދޭ ކަމަށް އިންޑިއާއިން ތުހުމަތުކުރާ ޒާކިރު ނައިކު، 2016 ވަނަ އަހަރު އިންޑިއާއިން ފިއްލެވި ފަހުން ދިރިއުޅުއްވަނީ މެލޭޝިއާގައެވެ. އެއީ އެ އަހަރު ޑާކާގެ ކެފޭއަކަށް ދިން ހަމަލާއެއްގައި ޒާކިރުގެ އަތެއްވާ ކަމަށް އިންޑިއާއިން ތުހުމަތުތަކާ ގުޅިގެންނެވެ.
އިންޑިއާގެ އޭއެންއައި ނޫހަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގައި 2009 ވަނަ އަހަރު ޒާކިރު ރާއްޖެ ވަޑައިގަތުމުގެ ހުއްދަ ދެއްވި ކަމަށެވެ. އަދި އޭރު ރާއްޖެ ވަޑައިގެން އެކިތަންތަނުގައި ދަރުސް ދެއްވިއިރު އޭނާއާ ގުޅޭ މައްސަލަތަކެއް ހުރިކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.
އަދި މިފަހުން ވެސް ޒާކިރު ރާއްޖެއަށް ވަޑައިގަންނަވަން މަސައްކަތް ކުރެއްވި ކަމަށާއި ނަމަވެސް ނަފްރަތު އުފައްދާ "ދަރުސް" ދެއްވަން ރާއްޖޭން ބޭނުންނުވާތީ އެ ހުއްދަ ދީފައިނުވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
"ސަރުކާރުން އޭނާ ރާއްޖެއައުމަށް ދެކޮޅު ހެދި. އިސްލާމްދީނާ ގުޅޭ ރަނގަޅު ދަރުސް ދޭ މީހުންނަކާ އަޅުގަނޑުމެންނަކާ އެއްވެސް ދެކޮޅުވެރިކަމެއް ނެތް. ނަމަވެސް ނަފްރަތު އުފައްދަން ދަރުސް ދޭން ބޭނުންވާނަމަ އެކަމަކަށް ހުއްދައެއް ނުދެވޭނެ،" ނަޝީދު ވިދާޅުވެފައިވެއެވެ.
ޒާކިރު ނައިކް މެލޭޝިއާގައި ދިރިއުޅުއްވަނީ އެގައުމުގެ ކުރީގެ ސަރުކާރުން އޭނާއަށް ދެއްވާފައިވާ ޕާމަނަންޓް ރެސިޑެންސީ އަކާއެކުއެވެ.
ނަމަވެސް މިދިޔަ ސެޕްޓެމްބަރު މަހު ރަޝިއާގައި ބޭއްވި އީސްޓަން އިކޮނޮމިކް ފޯރަމްގެ ތެރެއިން ޒާކިރު ނައިކް އަނބުރާ އިންޑިއާއަށް ފޮނުވުމުގެ މައްސަލަ މެލޭޝިއާގެ ބޮޑު ވަޒީރު މަހާތިރު މުހައްމަދުގެ ސަމާލުކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ގެންނަވައިފައެވެ. އަދި ދެގައުމުގެ އޮފިޝަލުންގެ ފަންތީގައި އެކަމާގުޅޭ މަޝްވަރާ ކުރުމަށް ވަނީ އެއްބަސްވެފައެވެ.