ޗައިނާއަކީ ދަރަނީގެ ދަންތުރައިގައި ޖައްސާ ގައުމެއް ނޫން ކަމަށާއި ރާއްޖެ އާއި ޗައިނާއާ ދެމެދު ހަދާފައިވާ އެއްބަސްވުންތަކަށް އިހުތިރާމުކުރަން ޖެހޭ ކަމަށް ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޒޭންގް ލިޒްހޮންގް ވިދާޅުވެއްޖެއެވެ.
ޗައިނާގެ ސަފީރު އެހެން ވިދާޅުވެފައި މިވަނީ އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ލޮކްސަބާ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ޗައިނާ އާއި ރާއްޖޭގެ އެއްބަސްވުންތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދެެއްކެވި ވާހަކަފުޅުތަކަކާ ގުޅިގެންނެވެ. ނަޝީދު ވިދާޅުވިގޮތުގައި ރާއްޖެ އޮތީ ޗައިނާގެ ދަރަނީގެ ދަންތުރައެއްގައި ޖެހިފައެވެ.
ޗައިނާގެ ސަފީރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ސިޔާސީ ބޭފުޅެއް ޗައިނާއާ ގުޅޭގޮތުން އެ ދެއްކެވީ ރަނގަޅު ވާހަކަތަކެއް ނޫން ކަމަށާއި ޗައިނާއިން ރާއްޖެއަށް ކުރާ އިންވެސްޓްމަންޓާއި އެހެން ގައުމުތަކަށް ކުރާ އިންވެސްޓްމަންޓާ ވަކި ތަފާތެއް ނޯންނާނެ ކަމަށެވެ.
ޗައިނާ އާއި ރާއްޖެއާ ދެމެދު ހަދާފައިވާ އެއްބަސްވުންތަކަށް އިހުތިރާމުކުރަން ޖެހޭ ކަމަށާއި ފާއިތުވެދިޔަ ދެ ސަރުކާރުން ސޮއިކޮށްފައިވާ އެއްބަސްވުންތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވެސް ރަނގަޅު ނިންމުމެއް ނިންމާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
ސަފީރު ވިދާޅުވީ ޗައިނާއަކީ ރާއްޖޭގެ ތަރައްގީގެ ޕާޓްނަރެއް ކަމަށާއި އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އެންމެ ބޮޑު ފައިދާއެއް ވަނީ ވެސް ޗައިނާ އިން ކަމަށެވެ. ދެ ގައުމުގެ ގުޅުމަށް ބުރޫއަރާ ފަދަ ވާހަކަ ނުދެއްކެވުމަށް ވެސް ޗައިނާގެ ސަފީރު އިލްތިމާސްކުރެއްވިއެވެ.
މީގެ ކުރިން ވެސް އިންޑިއާއަށް ކުރެއްވި ދަތުރުފުޅެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުން ޗައިނާއާއެކު ހަދާފައިވާ އެއްބަސްވުންތަކާ ގުޅިގެން ރައީސް ނަޝީދު ވަނީ ޗައިނާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.