ލޭންޑް ޔޫޒް ޕްލޭނާއި ހިލާފަށް މާމިގިލިން ވިލާ ކުންފުންޏަށް ބިމެއް ދިން މައްސަލަ ފެންމަތިވެ، ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމެޓީއަށް އެ މައްސަލަ ހުށަހަޅައިފިއެވެ.
މި ޕެޓިޝަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ މާމިގިލި ރައްޔިތުންގެ ފަރާތުންނެވެ.
އެ ޕެޓިޝަންގައި ވަނީ ވިލާ ކުންފުނިން އދ. މާމިގިލީގައި ހިންގާ އެއާޕޯޓްގައި ތެޔޮ ރައްކާކުރާނެ ތާނގީތަކެއް ބެހެއްޓުމަށްކަމަށް ބުނެ، އެ ރަށުގެ އެއަރޕޯޓް ހިމެނޭ ސަރަހައްދުން ބިމެއް، ވިލާ އެއާޕޯޓްގެ ބައެއް ކަމުގައި ކަނޑައަޅައިފައިވާކަމަށެވެ. އަދި އެކަމަކީ ރަށުގެ ބިން ބިޑަކާ ނުލައި ވަކި ފަރާތަކަށް މަންފާވާގޮތަށް ދޫކުރަމުން ގެންދިއުން ކަމަށްވެސް ޕެޓިޝަންގައި ބުނެފައިވެއެވެ.
މީގެއިތުރުން މި ޕެޓިޝަންގައި ބުނެފައި ވަނީ މާމިގިލީގެ ބިން ބިޑަކާއި ނުލައި ވިލާ ކުންފުންޏަށް ހަވާލު ކުރަމުން އަންނަނީ މާމިގިލި ކައުންސިލްގެ މެމްބަރުން އިސްކޮށް ތިބެގެން ކަމަށާއި އެކަން ރަށުގެ ރައްޔިތުން ހަރުކަށި އިބާރާތުން ކުއްވެރި ކުރާ ކަމަށެވެ. އެހެންކަމުން މިކަންކަން ރައްޔިތުންގެ މަޖިލީހުން ހައްލުކޮށްދިނުމަށް އެދޭކަމަށާއި އަދި މާމިގިލީ ރައްޔިތުންގެ ގެއްލިފައިވާ ހައްގުތައް ހޯދައިދިނުމަށް މި ޕެޓިޝަނުގައި އެދިފައިވެއެވެ.
މީގެ ކުރިންވެސް މިފަދަ އެހެން މައްސަލައެއްވެސް ވަނީ ފެންމަތި ވެފައެވެ. އެެހެން ނަމަވެސް އޭރު ކައުންސިލުން މައްސަލަ ބަލައި އެ ބިން ދޫކޮށްފައި ވަނީ ރަނގަޅަށް ކަމަށް އޭރު ނިންމިއެވެ.
މާމިގިލީ އެއާޕޯޓް ހިންގަމުން އަންނަ ވިލާ ކުންފުންޏަކީ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމްގެ ހިއްސާ އޮންނަ ކުންފުންޏެކެވެ.