ޚަބަރު

ރައީސް ސާލިހު ވެރިކަމަށް ވަޑައިގެން އިސްކަން ދެއްވީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް: ނައިބު ރައީސް

އިބްރާހިމް ޒަކީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވެރިކަމާ ހަވާލުވެވަޑައިގެން އެންމެ ބޮޑު އިސްކަމެއް ދެއްވީ ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ "ރޯޑް ސޭފްޓީ ވޯކް" ގެ ނަމުގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އާއްމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް ހިންގޭ ޤައުމީ ހަރަކާތް ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބު ރައީސް ވިދާޅުވީ، މަގުމަތީގައި ދުއްވުމާއި ހިނގާބިނގާވުމުގައި އަޅުގަނޑުމެން ވަރަށް ބޮޑަށް ސަމާލުވާން ޖެހިފައިވާ ކަމަށެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، "ރޯޑް ސޭފްޓީ ވޯކް" ހަރަކާތަކީ މިއަހަރު ކުރީކޮޅު މި ސަރުކާރުން ފެށި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތުގެ ތެރެއިން ހިންގޭ ހަރަކާތެއްކަން ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ މަގުމަތީގައި ހިނގާފައިހުރި ނުރައްކާތެރި ހާދިސާތަކާއި އަދި މިހާރުވެސް ހިނގަމުންދާ ހާދިސާތަކަކީ ރައްޔިތުން އިންތިހާ ދަރަޖައަށް ކަންބޮޑުވާ ހިސާބުގައި ހުރި މައްސަލަތައް ކަމުގައި އެމަނިކުފާން ވިދާޅުވިއެވެ.

މަގުމަތީގައި ހިނގާ އެކްސިޑެންޓެއްގެ ޝިކާރައަކަށްވެ ދަރިއަކު ދުނިޔެދޫކޮށްދާންޖެހުމަކީ އެއްވެސް މީހަކު އެދޭނެ ކަމެއް ނޫން ކަމަށާއި ދުވެލި މަޑުކުރުމަކީ އަޅުގަނޑުމެންގެ އަމިއްލަ ކޮންޓްރޯލްގައި އޮތްކަމެއް ކަމުގައި ވިދާޅުވެ، މަގުމަތީގައި ދުއްވާ އުޅުމުގައި މަޑު ދުވެއްޔެއް އިހްތިޔާރު ކުރުމަށް ޒުވާނުންނާއި ދިވެހި އެންމެހާ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިލްތިމާސްކުރެއްވިއެވެ.

"ގަވައިދުތަކާއި ޤާނޫނު ހެދިފައި ހުންނަނީ ރައްޔިތުންގެ ރައްކާތެރިކަމަށް. އެއްވެސް ޙާލެއްގައި ޤާނޫނަކީ ނުވަތަ ޤަވާއިދަކީ މީހަކަށް އަނިޔާއެއްދިނުމުގެ ގޮތުން ހެދޭ އެއްޗެއް ނޫން. އެއީ އަޅުގަނޑުމެންގެ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފަ ހުރި ޤާނޫނުތައް." ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.