ޚަބަރު

ފޮރިން މިނިސްޓަރު ޝާހިދު، އިންޑިއާގެ ބޮޑުވަޒީރުގެ އަރިހަށް ޒިޔާރަތް ކުރައްވައިފި

މިނިސްޓަރު އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ އަރިހަށް މިއަދު އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ބޮޑުވަޒީރުގެ ގެކޮޅުގައި ދިއްލީގައި އޮތް މި ބައްދަލު ކުރެއްވުމުގައި މިނިސްޓަރު ޝާހިދު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް އާއި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ބޮޑުވަޒީރު މޯދީ އަށާއި، އިންޑިއާ ސަރުކާރާއި ރައްޔިތުންނަށް ހެޔޮ އެދުންތައް އަރިސްކުރައްވާފައެވެ.

މިނިސްޓަރު ޝާހިދުގެ ވާހަކަފުޅުގައި ދިވެހިރާއްޖޭގެ ތަރައްޤީއަށް އިންޑިއާއިން ވެދެއްވާ އެހީތެރި ކަމަށްޓަކައި ޝުކުރު އަދާކުރައްވައި، އެކި ދާއިރާތަކުން ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ދިވެހި ސަރުކާރުން މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން ބޮޑުވަޒީރު މޯދީއަށް އެރުވިއެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޝާހިދުގެ އަރިހުގައި ބައިވެރިވެ ވަޑައި ގަތީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ސެކްރެޓަރީ، މަލްޓިލޭޓަރަލް ޑރ. އަލީ ނަސީރު މުހައްމަދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓަރީ، ޕޮލިސީ އާމިނަތު ޝައުނާ، ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އައިޝަތު މުހައްމަދު ދީދީ، އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ޑެޕިއުޓީ ހެޑް އޮފް މިޝަން އާމިނަތު ޝަބީނާ އަދި މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ އިންޑިއާ ޑިވިޝަންގެ ޑިރެކްޓަރ މަރިޔަމް މިދްފާ ނައީމްއެވެ.