ޚަބަރު

ފަންނީ އެހީތެރިކަން ދިނުމުގެ އެއްބަސް ވުމެއްގައި ރާއްޖޭގެ އީސީން އިންޑިއާގެ އީސީއާއެކު ސޮއިކޮށްފި

އިބްރާހިމް ޒަކީ

ފަންނީ އެހީތެރިކަމާއި މީހުން ތަމްރީނު ކުރުމުގެ ފުރުސަތުތައް ލިބި ދިނުމާބެހޭ އެއްބަސް ވުމެއްގައި، އިންޑިއާގެ އިލެކްޝަންސް ކޮމިޝަނާއެކު ރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުން ސޮއި ކޮށްފިއެވެ.

ނިއުދިއްލީގަ ހުންނަ ހައިދަރުއަބާދު ހައުސްގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސް ވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ އިލެކްޝަންސް ކޮމިޝަންސްގެ ނައިބް ރައީސް އަހުމަދު އަކްރަމް އެވެ.

މި ރަސްމިއްޔާތު ބާއްވާފައި ވަނީ އިންޑިއާ މޯލްޑިވްސް ޖޮއިންޓް ކޮމިޝަންގެ ހަވަނަ ބައްދަލުވުމުގެ ތެރެއިންނެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މި އެއްބަސް ވުމުގެ ދަށުން އިންތިހާބާގުޅޭ އިލެކްޓްރޯނިކް މަސައްކަތްތަކުގެ އިތުރުން އަންހެނުން ބާރު ވެރި ކުރުމަށް ކުރެވޭ މަސައްކަތްތަކަށްވެސް އެއްބާރުލުން ލިބިގެންދާނެ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން އިންޑިއާއަށް މިހާރު ކުރަމުންދާ ދަތުރުގައި އިންޑިއާގެ ޗީފް އިލެކްޝަންސް ކޮމިޝަނަރު ސުނިލް އަރޯރާއާ ވެސް ވަނީ ބައްދަލު ކޮށްފައެވެ.