ޚަބަރު

ރާއްޖޭގެ ސަލާމަތަށް ބުރޫއަރާގޮތަށް މަސައްކަތް ކުރުމަކީ އަޅާނުލައި ދޫކޮށްލާނެ ކަމެއްނޫން: އިމްރާން

އިބްރާހިމް ޒަކީ

1

ރާއްޖޭގެ ސަލާމަތާއި ރައްކާތެރި ކަމަށް ބުރޫ އަރާގޮތަށް ދުނިޔޭގެ އެއްވެސް ހިސާބެއްގައި ދިވެހިން، މަސައްކަތް ކުރުމަކީ ސަރުކާރުން އަޅާނުލައި ދޫކޮށްލާނެ ކަމެއްނޫން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވެފައި މިވަނީ ސީރިޔާ ހަނގުރާމައިގައި ބައިވެރިވުމަށް ގޮސް ކުރި ދިވެހި ޒުވާނަކު ބޭރުގެ ޓީވީ ޗެނަލަކަށް ދިވެހިބަހުން ދިން އިންޓަވިއު އެއް ސޯޝަލް މީޑިއާގައި ދައުރުވަމުން ދަނިކޮށެވެ.

ބިލާލް އަބްދުލް ކަރީމް ނަމަކަށް ކިޔާ މީހެއްގެ ޓީވީ ޗެނަލެއް ކަމަށްވާ "އޮން ދަ ގްރައުންޑް ނިއުސް"އަށް އެ ޒުވާނާ ދިން އިންޓަވިއުގައި ވަނީ އޭނާ ހަނގުރާމައަށްދިޔަ ސަބަބާއި ރާއްޖެއާ ބެހޭގޮތުން ވާހަކަ ދައްކައިފައެވެ.

އިނގިރޭސިބަހުން ސުވާލު ކުރުމުން ދިވެހި ބަހުން ޖަވާބު ދެމުން އޭނާ ބުނީ، ރާއްޖޭން އިސްލާމްދީން ފޮހެލަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އޭނާ އެތަނަށް ދިޔައީ މުސްލިމް އަހުންތަކަކަށް އެކީތެރި ވުމަށް ކަމަށާއި ރާއްޖެއަށް އައުމާމެދު ވިސްނާނީވެސް އެ މީހުންނަށް އުފަލުގައި އުޅެވޭނެ ގޮތްތައް ފަހި ވުމުން ކަމަށެވެ.

ރާއްޖޭގެ ގާނޫނު ބުނާގޮތުން ހަނގުރާމަ ވެރި ސަރަހައްދަކަށް ގޮސް އެ ޒުވާނާ އެހެރީ ޓެރަރިޒަމްގެ ކުށުން ކުށްވެރިވެފައެވެ.

މި ވީޑިއޯއާ ގުޅިގެން ހޯމް މިނިސްޓަރު އިމްރާން މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ޓެރަރިޒަމްގެ ނުރައްކަލުން ދިވެހި ގައުމު ސަލާމަތް ކުރުމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް މި ސަރުކާރުން އަޅަމުން ގެންދާނެ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟